ރާއްޖޭގެ ތަރައްޤީގެ ސަރަަހައްދުތަކާއި އަރބަން ސެންޓަރުތައް ކަނޑައެޅުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
އެނިިންމެވުމަކީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ވަޒީރުންގެ މަޖިލީހަށް މިއަދު ހުށައަޅައި މަޝްވަރާކުރެވުނު ކަރުދާހެކެވެ.
މިކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ދިވެހިރާއްޖޭގައި ތަރައްޤީގެ ސަރަހައްދުތަކާއި އަރބަން ސެންޓަރުތައް ކަނޑައެޅުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުމާ ގުޅޭގޮތުން ގިނަ ކަންތައްތަކެއް ވަޒީރުންގެ މަޖިލީހުގައި ނިންމެވިއެވެ.
އޭގެ ތެރޭގައި ވަކިވަކި އަރބަން ރީޖަންތަކާއި އަދި އަރބަން ސެންޓަރުތައް ކަނޑައެޅުއްވުމުގެ ކަންކަން، ހެއްކާއި ޑޭޓާ ބޭނުން ކޮށްގެން ތަފްސީލީ ސްޓަޑީ ހަދައި، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން ކުރިއަށްގެންދެވުމާއި، އަރބަން ޑިވެލޮޕްމަންޓް ރީޖަންއެއްގައި ހުންނަންވާ ސިފަތައް ނުވަތަ ކްރައިޓީރިއާތަކާއި ލެވަލްތައް ކަނޑައެޅުއްވުން ހިމެނެއެވެ. މީގެ ތެރޭގައި އަރބަން ސެންޓަރުތައް ޖުމްލަ 3 ދަރަޖައަކަށް ބަހާލުން ހިމެނެއެވެ.
އިއްޔެގެ ވަޒީރުގެ މަޖިލީހުގެ މަޝްވަރާ ތަކަށްފަހު މިކަމުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީ ޢުމުރުގެ މީހުންގެ ޤައުމީ ދަފުތަރެއް އެކުލަވައިލުމަށް ސަރވޭއެއް ކުރުމަށް ވެސް ރައީސް ޑރ މުޢިއްޒު ނިންމަވައިފައިވެއެވެ.






