އިސްލާމީ ތަޢުލީމަށް ޚާއްސަ އިންޓަރނޭޝަނަލް ސްކޫލެއް ހުޅުމާލެގައި އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއެއްބަސް ވުމުގައި ސޮއިކޮށްފައިވަނީ މި ސްކޫލް ޤާއިމް ކުރާ ކުންފުނި އަލް މަދީނާ އިންވެސްޓްމަންޓާއި ހައުސިންގް ޑިވަލޮޕްމެންޓް ކޯޕަރޭޝާނާއި ދެމެދުއެވެ.
އަލްމަދީނާ އިންވެސްޓްމެންޓުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވައިފައިވަނީ އަލް މަދީނާ އިންވެސްޓްމަންޓްގެ ސީއީއޯ އަޙްސަން އިޙްސާނެެވެ. އެޗްޑީސީގެ ފަރާތުން ސޮއި ކުރައްވައިފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދެއެވެ.
އަލްމަދީނާ އިންވެސްޓް މަންޓުން އަޅާ އިންޓަރނޭޝަނަލް ސްކޫލާއި ހުޅުމާލޭގައި ހުންނަ މަސްޖިދުލް ޢާއިޝާ ގުޅުވައިލައި އެ މިސްކިތް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ސްކޫލްގައި 2.5 އަހަރުގެ ތެރޭގައި ޕްރީސްކޫލްގެ ދަރިވަރުންނަށް ކިޔަވަދެވޭނެކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ. އަދި އެއަށްފަހު ގްރޭޑް 1-10 ގެ ދަރިވަރުންނަށް ކިޔަވައިދެވޭ ފެންވަރަށް އަދި އޭގެ އިތުރުން މަތީ ތަޢުލީމު އުނގަންނައިދެވޭ ފެންވަރަށް މި ސްކޫލް ތަރައްޤީކުރާނެކަމަށް އެ ކޯރޕަރޭޝަނުން ބުނެފައިވެއެވެ. މި ސްކޫލުގެ މައިގަނޑު ބޭނުމަކީ ދަރިވަރުންނަށް ފުރިހަމަ އިސްލާމީ ތަޢުލީމު އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދިނުން ކަމަށް އެޗްޑީސީ އިން ބުނެއެވެ. އަދި މި ސްކޫލުން ފުދުންތެރިކަން ދަށް ކުދިންނަށާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހިލޭ ކިޔެވޭނެގޮތް ހަމަޖެހިގެންދާނެކަމަށްވެސް އެކުންފުނިން ބުނެއެވެ.
ހުޅުމާލޭގައި ސްކޫލެއް ބިނާ ކުރުމުގެ ފްރޭމް ވޯކުގައި އަލް މަދީނާ އިންވެސްޓް މަންޓާއި އެޗްޑީސީ އާއި ދެމެދު ސޮއިކުރެވިފައިވަނީ 14 މެއި 2023 ގައެވެ.
އަލް މަދީނާ އިންވެސްޓްމަންޓުން ބުނެފައިވަނީ މި ސްކޫލް ހުޅުވުމާއި އެކު އެކުންފުނީގެ ދަށުން މިހާރު ހިންގަމުންދާ ކޮއްކޮމެން ޕްރީ ސްކޫލް އިންޓަރނޭޝަނަލް ސްކޫލަކަށް ބަދަލުވެގެންދާނެ ކަމަށެވެ. އަދި އެސްކޫލަކީ ޕްރީ ސްކޫލް ލެވަލް އިން ފެށިގެން ގްރޭޑް 10 އަކާައި ހަމައަށް ކިޔަވައިދޭ ސްކޫލަކަށް ކައިރި މުސްތަޤްބަލެއްގައި ބަދަލު ވެގެން ދާނެ ކަމަށެވެ.
އަލް މަދީނާ އިންވެސްޓްމަންޓުން ބުނެފައިވަނީ އެސްކޫލަކީ އިނގިރޭސި ބަހުން ކިޔަވައިދޭ އިސްލާމީ ތަރުބިއްޔަތައް އިސްކަންދޭ ސްކޫލަކަށް ވެގެންދާނެ ކަމަށެވެ.






