އިންޑިޔާގެ ޖުމްހޫރީ ދުވަހުގެ ތަހުނީޔާ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށާއި، ރައީސް ދްރައުޕަތީ މުރްމުއަށް، ރައީސް ޑރ މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
އިންޑިޔާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިންޑިޔާގެ ބޮޑުވަޒީރާއި އިންޑިޔާގެ ރައީސް އަށް ވަކިވަކިން ފޮނުއްވި މެސެޖުގައި ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސް ޑރ މުޢިއްޒުގެ އަމިއްލަ ނަންފުޅުގައި، އިންޑިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ.
އަދި އެމަނިކުފާނުގެ މެސެޖުގައި ދިވެހިރާއްޖެއާއި އިންޑިޔާއާއި ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމާއި އެއްޤައުމުން އަނެއް ޤައުމަށް ކުރާ އިޙްތިރާމާއި ބަދަހި ރަހުމަތްތެރިކަމުގެ ގުޅުން ފާހަގަކުރައްވާފައިވެއެވެ.ރައީސް ޑރ މުޢިއްޒު ވަނީ ކުރިޔަށް އޮތް އަހަރުތަކަކީ އިންޑިޔާގެ ރައްޔިތުންނަށް އަމާންކަމާއި ކުރިއެރުމާއި ފާގަތިކަން ގެނެސްދޭނެ ދުވަސްތަކެއްކަމުގައި ވުމަށް އެދިވަޑައިގެންފައެވެ.






