ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީކަން ވެރިކަން ކުރާ ޕީއެންސީ އަށް ލިބި، މައިނޯރިޓީ ލީޑަރަކީ އެޕާޓީގެ ޕާލިމިންޓްރީ ގްރޫޕްގެ ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖަށް ލިބިވަޑައިގެންފިއެވެ.
މިކަން އިޢްލާނު ކޮށްފައިވަނީ، ދައުރުން ބޭރުން މިއަދު ބޭއްވެމުންދާ މަޖިލީހުގެ ޖަލްސާގައެވެ.
ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ އެމްޑީޕީގެ ދަފްތަރުގައި ހިމެނިވަޑައިގަންނަވާ 12 މެމްބަރުން ޕީއެންސީއާ ގުޅިވަޑައިގެންފައިވާ ކަން އަންގަވާފައިވާ ކަމަށެވެ.
އަދި އެ މެމްބަރުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލަހައްޓަމުން އަންނަ ޕީއެންސީގެ ދަފްތަރުގައި ހިމަނާފައިވާ ކޮމިޝަނުން އަންގާފައިވާ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.
ޕީއެންސީއަށް ސޮއި ކުރެއްވެވި މެމްބަރުންނަކީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު، އިސްދޫ ދާއިރާގެ އަލީ ހަމީދު، ކަނޑިތީމު ދާއިރާގެ ޢަބްދުﷲ ޝަހީމް އަބްދުލްހަކީމް، ކުރެންދޫ ދާއިރާގެ ޢަބްދުލްޣަނީ އަބްދުލްހަކީމް، މަތިވެރި ދާއިރާގެ ހަސަން ޒަރީރު، މުލަކު ދާއިރާގެ އިބްރާހިމް ނަސީރު، ނިލަންދޫ ދާއިރާގެ އަބްދުލްމުހްސިން ހަމީދު، މާފަންނު ދެކުނު ދާއިރާގެ އާދަމް އަލީ، ކޮމަންޑޫ ދާއިރާގެ މުހައްމަދު ރާޝިދު، ތޮއްޑޫ ދާއިރާގެ ހަސަން ޝިޔާން، އަދި ގުރައިދޫ ދާއިރާގެ އިބްރާހިމް ޝާޒެވެ.
މި ބަދަލާ އެކުގައި މަޖިލިހުގައި މިހާރު ތިއްބަވާނީ އެމްޑީޕީގެ 44 މެމްބަރުންނެވެ. އެމްޑީޕީއަކީ މަޖިލިހުގެ މެޖޯރިޓީ ޕާޓީއެވެ. އަދި 14 މެމްބަރުންނާ އެކުގައި މަޖިލިހުގެ މައިނޯރިޓީ ޕާޓީއަކީ ޕީއެންސީ އެވެ.
ހަމަމިއާއި އެކު ޑިމޮކްރެޓްސްގައި 14 މެމްބަރުން، ޕީޕީއެމްގެ ދެ މެމްބަރުން، އެމްޑީއޭގެ ދެ މެމްބަރުން، ޖުމްހޫރީ ޕާޓީގެ ދެ މެމްބަރުން ދެ މެމްބަރުން އަދި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ ތިން މެމްބަރުން މަޖިލިހުގައި ތިއްބަވަ އެވެ






