ރާއްޖޭގައި މަސްވެރިކަން ކުރާ ހުރިހާ މަސްވެރިން ހިމެނޭހެން ކޯޕަރޭޓިވް ސޮސައިޓީއެއް އުފައްދަން ރައީސް ޑރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް ޑރ މުއިއްޒުގެ މިނިންމެވުމަކީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވެވުމަށްފަހު ނިންމަވައިފައިވާ ނިންމެވުމެކެވެ.
އެގޮތުން ރާއްޖޭގެ އެންމެހާ މަސްވެރިންގެ ޝާމިލުވުން ހިމެނޭގޮތަށް 'މަސްވެރިންގެ ކޯޕަރޭޓިވް ސޮސައިޓީ' އެއް އެކުލަވައިލުމަށް އެންމެ އެކަށޭނަ މޮޑެލަކާ ގުޅޭގޮތުން އެހެން ޤައުމުތަކުގެ ތަޖުރިބާއާއި، ކަމާގުޅޭ އިތުރު ދިރާސާތަކުގެ އަލީގައި ކޮންސެޕްޓްތަކެއް އެކުލަވާލުމަށާއި، މަސްވެރިންގެ ކޯޕަރޭޓިވް ސޮސައިޓީއެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލައި މަސްވެރި މުޖުތަމަޢާއެކު އެއްބަސްވުމަކަށް އައުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށްފަހު ރައީސް މުޢިއްޒު ވަނީ ނިންމަވައިފައެވެ.
މީގެއިތުރުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓަޑް (މިފްކޯ) ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް ހަފުތާ 14 ގައި ހިމަނާފައިވާ ހަރަކާތުގެ ދަށުން، މިފްކޯގެ ބޯޑަށް މަސްވެރިން ތަމްސީލުކުރާ ފަރާތެއް ޢައްޔަންކުރުމަށް ވެސް ރައީސް ވަނީ ނިންމަވައިފައެވެ.
މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް ހަފުތާ 14 ގައި ކަނޑައަޅާފައިވާ ކަންތައް ފުރިހަމަކުރުމަށް މިފްކޯ ބޯޑުގައި މަސްވެރިން ތަމްސީލުކުރާ ފަރާތެއް މިވަގުތަށް ހިމެނުމަށްޓަކައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އާންމުކޮށް ޢިއުލާނުކޮށް ހުޅުވާލައި އެކަމަށް ޝައުގުވެރިކަން ފާޅުކޮށް އެޕްލިކޭޝަން ހުށަހަޅާފައިވާ ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ރައީސް މުޢިއްޒު ކަނޑައަޅުއްވާ މަސްވެރިއެއް މިފްކޯ ބޯޑަށް ޢައްޔަނުކުރުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށްފަހު ވަނީ ނިންނަމަވައިފައެވެ.






