ރާއްޖޭގައި ހެލިކޮޕްޓަރު އުދުއްސުމުގެ ޚިދްމަތް އަލުން ފެށުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް މުޢިޢްޒު މިކަން ނިންމެވީ އިއްޔެ ބޭއްވުނު ވަޒީރުންގެ މަޖިލީހުގައެވެ.
އެގޮތުން '”މެޑިވެކް” އާއި “ސަރޗް އެންޑް ރެސްކިއު” ގެ ޚިދުމަތްތައް ލާޒިމުކޮށް، 2 އިންޖީނުލީ ހެލިކޮޕްޓަރ ބޭނުންކޮށްގެން، ހެލިކޮޕްޓަރ އޮޕަރޭޝަން ފެށުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ރައީސް ޑރ މުއިއްޒު ވަނީ ނިންމަވަައިފައެވެ. އަދި މި ޚިދުމަތް ނޫން އެހެން އާންމު ދަތުރުތައް ކުރަންވާނީ ހުއްދަ ދީފައިވާ ހެލިޕޯޓަކުން ކަމުގައި އެމަނިކުފާނު ކަނޑައެޅުއްވިއެވެ. ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށްފަހު ރައީސް ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހެލިޕޯޓަކަށް ޖާގަ ހަމަޖެއްސެވުމަށް ކުރަންޖެހޭ ކަންކަން ކުރުމަށާއި، އިތުރު ސަރަހައްދެއްގައި ހެލިޕޯޓެއް ހަދަންޖެހޭކަމަށް ފާހަގަކުރެވޭނަމަ، އެކަމަށް ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދިއުމަށް ނިންމަވާފައެވެ.
އަދިވެސް މި ނިންމުމާ ގުޅިގެން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޮނިގަނޑު އިޞްލާޙުކޮށް، އިންޑަސްޓްރީން ފަންނީ ޤާބިލު މީހުން އެކަމަށް ޝައުޤުވެރިކަން އުފައްދަވައި އެފަދަ މީހުން މި ދާއިރާގައި ދެމެހެއްޓުމަށް އެކަށީގެންވާ އެކަން ކުރެވޭވަރުގެ މުސާރައިގެ އޮނިގަނޑެއް އެކުލަވައިލަންވެސް ރައީސް ޑރ މުޢިއްޒު ނިންމެވިއެވެ.






