ދިވެހި ޘަޤާފީ ތަރިކަ ރައްކާތެރިކުރުމަށް ކޮންޒަރވޭޝަން ލެބްރޮޓްރީއެއް ޤާއިމުކުރުމާ ބެހޭ ގޮތުން ޗައިނާއާއި މަޝްވަރާ ކޮށްފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި ބަދަހިވި ގުޅުމާއެކު ޗައިނާއިން ވަނީ ރާއްޖެއަށް ސަގާފީ ގޮތުން ވެސް އިތުރު އެހީތެރިކަން ފޯރުކޮށްދޭން ޝައުޤުވެރިކަން ފާޅުކޮށްފައެވެ.
ޗައިނާގެ ސަފީރު ވަން ލީ ޝިން ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމްގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ދެ ޤައުމުގެ ބަދަހި ގުޅުމުގެ ތެރޭން ޘަޤާފީ ގޮތުން ދެފަރާތުން ހިއްސާކުރެވިދާނެ ކަންކަމާ މެދު މަޝްވަރާ ކުރެވުނުކަމަށް ދިވެހިބަހާއި ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
އަދި ރާއްޖެއަށް ބޭނުންވާ ބައެއް އެހީތެރިކަމާ މެދު މަޝްވަރާ ކުރެވުނު ކަމަށްވެސް އެވުޒާރާއިން ބުނެފައިވެއެވެ.
އެ ގޮތުން ރާއްޖޭގެ އެވޭލާ ތަރިކައިގެ ތެރޭގައި ހިމެނޭ ބައެއް ތަކެތި ހަލާކުވަމުން ދާ އިރު، ކަމާ ބެހޭ ލެބްރޮޓަރީއެއް ނެތުމުގެ ސަބަބުން އެ ތަކެއްޗަށް ދޭން ޖެހޭ ޢިލްމީ ފަރުވާ ރާއްޖޭން ދެވެން ނެތުމުގެ ދަތިކަން ވަޒީރު ފާހަގަކުރެއްވި ކަމަށް އެވުޒާރާއިން ބުނެއެވެ.
އަދި އެ ކަމާ ގުޅިގެން އެ ފަދަ ލެބްރޮޓްރީއެއް ގާއިމުކުރުމަށްޓަކައި ބޭނުންވާ ލިޔެކިޔުމުގެ މަސައްކަތް ހުށަހެޅުމަށް ވިދާޅުވެ ޗައިނާ ސަފީރު އެ ކަމަށް މަރުޙަބާ ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި އެ ވުޒާރާއާއި ސީނުކަރައާ ދެމެދު ފަހުމުނާމާއެއް އެކުލަވައިލައި، ދެ ޤައުމުގެ ކަލާސިކީ ލިޔުންތައް ތަރުޖަމާކޮށް ޗާޕުކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށް ދިވެހިބަހާއި ބެހޭ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.
މި ބައްދަލުވުމުގައި ދާރުލްއާސާރުގެ އިމާރާތް މަރާމާތުކުރުމާއި އާސާރު ތަރައްޤީކުރުމާ ބެހޭ ކަންކަމުގައި ސީނުކަރައިން ފުރިހަމައަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމަށް ސަފީރު ވިދާޅުވި ކަމަށާއި ވަޒީރު އާދަމް ނަޞީރު އިބްރާހީމްގެ ވާހަކަފުޅުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޘަޤާފީ ތަރިކައާ ބެހޭ ތަޞައްވުރުގެ ހޭލުންތެރިކަމާއެކު ދާރުލްއާސާރަށް ޒިޔާރަތްކުރާ މަދަރުސާކުދީންނާއި އާންމުން އިތުރުވަމުންދާކަން ފާހަގަކުރެއްވި ކަމަށް ވެސް އެވުޒާރާއިން ބުނެފައިވެއެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން ދެ ބޭފުޅުންވެސް ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން ވަނީ ވާހަކަފުޅު ދައްކަވާފައިވާ ކަމަށް ދިވެހިބަހާއި ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.






