Close

ރައީސް މަޤާމުން ވަކިކުރުމަށް މަޖިލީހުގެ މިދައުރުގައި ހުށައަޅަނީ!

ރައީސް ޑރ މުޙައްމަދު މުޢިއްޒު މަޤާމުން ވަކިކުރުމަށް މަޖިލީހުގެ މިދައުރުގައި ހުށައަޅާނެ ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީ އިން ބުނެފިއެވެ.

އެމްޑީޕީ އިން މިކަން ހާމަކޮށްފައިވަނީ އިއްޔެ އެޕާޓީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ޕީޖީ ލީޑަރ އަދި އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ވިދާޅުވެފައިވަނީ ރައީސް ޑރ މުޢިއްޒު މަޤާމުން ވަކިކުރުމަށް ބޭނުންވާ ޢަދަދަށް ވުރެ ގިނައިންވެސް މިހާރު އެޕާޓީއިން ސޮއި ހޯދައިފައިވާ ކަމަށެވެ. އަދި ހަމައެހެންމެ މިހާރު އެކަމާއިގުޅިގެން ކުރިއަށްދާ މަސައްކަތަކީ ޕާޓީގެ އިސް ބޭފުޅުންގެ ރައުޔު އެކަމުގައި ހޯދުން ކަމަށެވެ.

އިތުރަށް އެމްޕީ މުޙައްމަދު ރަޝީދު ވިދާޅުވީ ސޮއި ހަމަވެފައިވީ ނަމަވެސް ރައީސް ޢަޒުލް ކުރުމުގެ މިމައްސަލަ ކޯޓަށް ވައްދާނެ ދުވަހަކާއި ވަގުތެއް އަދި އެޕާޓީ އިން ނިންމައިފައިނުވާ ކަމަށެވެ. އަދި މައްސަލަ ހުށައަޅާނީ ވަގުތާއި ޙާލަތަށް ބަލައިފައި އެ މައްސަލަ ހުށައަޅަން އެންމެ ރަނގަޅު ވަގުތުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ މިހާރު ތިބި އެމްޑީޕީގެ މެމްބަރުންގެ ޢަދަދަކީ 44 އެކެވެ. މަޖިލީހުގައި އެމްޑީޕީ އާއި އެކު މަސައްކަތް ކުރާނެ ކަމަށް ހާމަކުރި ދަ ޑިމޮކްރެޓްސްގެ މަޖިލިސް މެމްބަރުންގެ ޢަދަދަކީ 13 އެވެ. އެހެން ކަމުން މިމައްސަލައިގައި އެކުގައި އެއްގޮތަކަށް ތާއީދު ކުރާނެ މެމްބަރުންގެ ޢަދަދަކީ 57 އެކެވެ.

ޤާނޫނު އަސާސީ ބުނާ ގޮތުން ރައީސް މަގާމުން ވަކިކުރެވޭނީ މަޖިލިހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓާއެކު ގައެވެ. އެއީ 19 ވަނަ މަޖިލިހުގެ 87 މެމްބަރުންނަށް ބަލާނަމަ 58 މެމްބަރުންނެވެ.

ރައީސް މުޢިއްޒުގެ ސަރުކާރަށް ފެށި މަޖިލީހުގެ ބައެއް މެމްބަރުން ސަރުކާރުގެ އިސް ބައެއް މަޤާމުތަކަށް އައްޔަނު ކުރެވުމާއި އެކު މެމްބަރުންގެ ޢަދަދަށް އައި ބަދަލާއި އެކު އެމްޑީޕީ އިން ވަނީ މަޖިލީހުގެ ޤަވާއިދަށް ބަދަލު ގެނެސްފައެވެ.

އެބަދަލުގައި ވާގޮތުން މިހާރު މެމްބަރުންގެ ޖުމުލަ ޢަދަދު ކަމުގައި ބަލަނީ މިވަގުތު މަޖިލިހުގައި ތިއްބެވި ޖުމުލަ މެމްބަރުންގެ ޢަދަދަށެވެ. އެހެންކަމުން ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރަން މިހާރު ބޭނުންވަނީ 53 މެމްބަރުންގެ ވޯޓެވެ.

އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން މަޖިލިހުގެ ޤަވާއިދަށް ގެނައި މި ބަދަލަކީ ޤާނޫނު އަސާސީ އާއި ޚިލާފު ބާތިލް މާއްދާއެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް އެދި ސަރުކާރުން މިހާރު ވަނީ ސްޕްރިމްކޯޓަށް މައްސަލައެއް ހުށައަޅާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top