Close

ފުވައްމުލަކު ކަރަންޓު މައްސަލަ ހައްލުނުވެ ދިގުދެމިދާތީ މައްސަލަ މަޖިލީހަށް!

ފުވައްމުލަކު ސިޓީ އަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލު ނުވެ ދިގު ގެމިދާތީ މައްސަލަ ބަލައިދިނުމަށް އެދި މަޖިލީހަށް ހުށައަޅައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށައަޅުއްވައިފައިވަނީ ފުވައްމުލަކު މެދުދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން މުޙައްމަދުދީދީ އެވެ.

އެމްޕީ ހުސެއިން ހުށައެޅުއްވި މައްސަލައިގައި ބުނެފައިވަނީ އެ ސިޓީގައި ކަރަންޓު ޚިދުމަތް ދިނުމަށް ބޭނުންކުރާ ޖެންސެޓެއްގައި މިދިޔަ މަހުގެ މެދު ތެރޭގައި މައްސަލަ ޖެހުނު ކަމަށެވެ. އޭގެ ސަބަބުން ފެނަކައިން އަންނަނީ، މިމަހުގެ އެގާރައިން ފެށިގެން އެކި ވަގުތުތަކުގައި ފުވައްމުލަކުން ކަރަންޓު ކަނޑަމުން ކަމަށް އެ މައްސަލައިގައިވެއެވެ.

އެމްޕީ ހުސެއިން ހުށައެޅުއްވި މައްސަލައިގައި އިތުރަށް ވިދާޅުވެފައިވަނީ "ކަރަންޓުގެ ޚިދުމަތް ރަށުގެ އެކި ހިސާބުތަކުން މެދުކަނޑަން ފެށުމުގެ އެތައް ދުވަހެއް ކުރިންވެސް ފެނަކަ ކުންފުންޏަށް ޖެންސެޓަށް މައްސަލަ ދިމާވެފައިވާކަން އެނގިތިބެ އަދި ފެނަކައިގެ ބެލުމުގެ ދަށުގައި، ބޭނުންކުރާ ޖެންސެޓެއް ހުރެމެ، މައްސަލަ ހައްލު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ފެނަކައިގެން މެނޭޖެމެންޓުން ކުރަމުންދާ ކަމަކަށް ފުވައްމުލަކުގެ ރައްޔިތުންނަށް ގަބޫލުކުރަން ދަތިވާ ކަމަށެވެ.

އެހެންވެ، ކަރަންޓުގެ މައްސަލަ ހައްލުނުވުމަކީ ފެނަކައިގެ އިހުމާލުންވި ކަމެއް ކަމަށް ދެކޭ ކަމަށް ވިދާޅުވެ، މަޖިލީހުގެ އެސްއޯއީ ކޮމިޓީން އެކަން ބަލައިދިނުމަށް ހުސެއިން އެދިވަޑައިގަތެވެ.

ދާދިފަހުން ފުވައްމުލަކުގައި ވަނީ ކަރަންޓު ކެނޑުމުގެ އެކި މައްސަލަތައް ދިމާވެފައެވެ. އެގޮތުން، ޖެނެރޭޓަރު މައްސަލައިގެ އިތުރުން ޓްރާންސްފޯމަރުތަކެއް ހަލާކުވުމުގެ މައްސަލަތައް ވެސް ދިމާވެފައިވެއެވެ.

އެގޮތުން މީގެ ހަ ދުވަސް ކުރިން އެ ސިޓީގެ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ޓްރާންސްފޯމަރެއް ހަލާކުވެ، އެ ޓްރާންސްފޯމަރުން ކަރަންޓުދޭ ސަރަހައްދުތަކުން ކަރަންޓު ކެނޑުނު މައްސަލައެއް ހިމެނެއެވެ. މިއަދު ވެސް ޓްރާންސްފޯމަރެއް އޯވާހީޓްވެ ފަޅައިގެން ގޮސް، އެ ޓްރާންސްފޯމަރުން ކަރަންޓުދޭ ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

ފުވަމުލަކަށް ކަރަންޓު ދޭން, ގދ. ގައްދޫގައި ހުރި ބޭނުންނުކުރާ ފެނަކައިގެ ޖަނަރޭޓަރެއް ގެންދަން އެ ކުންފުނިން މަސައްކަތްކުރިއެވެ. ނަމަވެސް އާންމުން ނުކުމެ ހަމަނުޖެހުން ހިންގައި އެ ޖަނަރޭޓަރު ގެންދަން ހުރަސް އަޅައި ކޮންމެވެސް ވަރަކަށް ހަމަނުޖެހުން ތަކެއް ވަނީ ހިނގައިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top