ރާއްޖޭގައި ހުކުރު ދުވަހު ކިޔާ ހުކުރު ޚުތުބާ އިނގިރޭސި ބަހަށް ތަރުޖަމާކޮށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ލިބޭނެ ގޮތް އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާއިން ހަދައިފިއެވެ.
އިސްލާމީ ވުޒާރާގެ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުރައްވައިފައިވާ ޓްވީޓޭއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ހުކުރު ޚުޠުބާތައް އިނގިރޭސި ބަހަށް ތަރުޖަމާކޮށް، ޗާޕުކޮށް ރާއްޖޭގައި ދިރިއުޅޭ ބޭރު ޤައުމުތަކުގެ މުސްލިމު އަޚުންނާއި އުޚުތުންނަށް ލިބޭ ގޮތް ހަދައިފިކަމަށެވެ.
“އިސްލާމްދީނަކީ ޢާލަމީ ރިސާލަތެއް،އިސްލާމީ މެދުމިންކަމުގެ މަންހަޖާއި ޞައްޙަ މައުލޫމާތު މުސްލިމުންނަށް ފޯރުކޮށްދިނުމަކީ ނުހަނު ބޭނުންތެރިކަމެއް” އިސްލާމީ ވަޒީރު ޑރ ޝަހީމް ވިދާޅުވެފައިވެއެވެ.
https://x.com/Mohamedshaheem1/status/1752596477317452167?s=20
އިނގިރޭސި ބަހަށް ތަރުޖަމާކޮށްގެން ބިދޭސީންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފައިވާއިރު، އިސްލާމީ މަރުކަޒުގެ ހުރިހާ ފަންގިފިލާއަކަށް ޙުތުބާ ކިޔާ ޙަތީބް ފެންނަހެން ޓީވީ ވަނީ ހަރުކޮށްފައެވެ.
އަދި މީގެ އިތުރުން އަޑު އިވުމުން މަހްރޫމް ވެފައިވާ މީހުންނަށް އިޝާރާތިުގެ ބަހުން ޙުތުބާ ދެނެގަނެވޭނެ ގޮތްވެސް ވަނީ ހަދައިފައެވެ. އިސްލާމްދީނަށް ޚިދްމަތް ކުރުމުގެ މިފަދަ ގިނަ ކަންތައްތަކެއް މިހާރުގެ އިސްލާމީ ވުޒާރާއިން ދަނީ ކުރަމުންނެވެ.






