ޕްރޮސިކިޔުޓަރ ޖެނެރަލް ހުސެއިން ޝަމީމަށް މިއަދު ހެނދުނުގެ ވަގުތެއްގައި ދީފައިވަނީ ޓެރަރިސްޓު ހަމަލާއެއް ކަމަށާއި އެމައްސަލައިގެ ތަހްޤީޤް އަވަސްކުރުމަށް ވެރިކަން ކުރާ ޕީޕީއެމް ޕީއެންސީ އިން ގޮވައިލައިފިއެވެ.
އެދެޕާޓީ ހިމެނޭ ކޯލިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއީ އެ ކޯލިޝަނުން ނުހަނު ކަންބޮޑުވާކަމެއްކަމަށެވެ.
އަދި މި ޖަރީމާ ހިންގުމުގައި ބައިވެރިވި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި، ދައުލަތުގެ ހުރިހާ ވަސީލަތަކާ، ޤާބިލްކަމަކާ، އިޚްތިޔާރެއް ބޭނުންކުރުމަށާ، މިކަން ހިންގި ބަޔަކު ހޯދުމާ، ތަޙްޤީޤްކުރުން ހަލުވިކުރުމަށް، ކަމާބެހޭ ހުރިހާ އިދާރާތަކަށް އެ ކޯލިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.
ރާއްޖޭގެ ދާޚިލީ އަމްނު ގެއްލުވައިލުމަށް، އަދި ދައުލަތުގެ ޒިންމާދާރު ޚިދުމަތްތެރީންގެ ވާޖިބާ މަސައްކަތްޕުޅުތަކަށް ހުރަސް އެޅުމަށް ހިންގޭ މިފަދަ ޢަމަލުތަކަކީ އަނިޔާވެރި ޓެރަރިސްޓް ޙަރަކާތްތަކެއްކަމަށާއި، ކަން ހިނގާފައިވާގޮތާއިމެދު މިހައިތަނަށް މީޑިއާއިން ޢާއްމުކޮށްފައިވާ މަޢުލޫމާތުތަކުގެ އަލީގައި، މިއީ ދުރާލާ ރާވައި ފާރަލައިގެން ހިންގި ޢަމަލެއްކަމުގައި ވަރަށް ބޮޑަށް ބެލެވޭކަމަށްވެސް ބަޔާނުގައިވެއެވެ. މިކަން ހިނގައިދިޔަގޮތުގެ އެންމެ ފުން ހަގީގަތްތަކާ ހަމަޔަށް ވާޞިލުވުމަށް، ތަޙްޤީޤްގައި މަސައްކަތްކުރުން މުހިންމުކަމުގައި އެ ޕާޓީއިން ދެކޭކަމަށް އޮވެއެވެ.
ސަރުކާރު ހިންގާ މައި ޕާޓީގެ ގޮތުގައި އެ ކޯލިޝަން އޮތްހިނދު، ދިވެހި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް، އަދި ޒިންމާދާރު ބޮޑެތި މަޤާމުތަކުގައި ތިއްބެވި ކޮންމެ ޚިދުމަތްތެރިއެއްގެ ސަލާމަތަށް އިސްކަންދިނުމަށް ސަރުކާރުގެ އިސް މަސްއޫލުވެރީންނަށް ލަފާއަރުވައި، އެއްބާރުލުން ދިނުމުގައި އެ ކޯލިޝަން އަބަދުވެސް ދެމިއޮންނާނެކަމަށްވެސް ބުނެފައިވެއެވެ.
ޝަމީމް މަޤާމުގެ މަސްއޫލިއްޔަތާއި ޤައުމީ ޒިންމާތައް އަދާކުރެއްވުމަށް، ރަސްމީ މަސައްކަތަށް ދާދި އަވަހަށް އަނެއްކާވެސް ނުކުމެވަޑައިގަންނަވާނޭކަމަށް އުންމީދުކުރާކަންވެސް ފާހަގަކޮށްފައިވެއެވެ.






