ފުވައްމުލަކު ސިޓީ އަށް ކަރަންޓު ދިނުމަށް ބޭނުންކުރަމުންދިޔަ ދެ ޖަނެރާޓަރަށް ދިމާވި މައްސަލަ ހައްލުކޮށް ފުވައްމުލަަކަށް އަލުން ކަރަންޓު ދޭން ފަށައިފިއެވެ.
ފުވައްމުލަކު ސިޓީގެ އިންޖީނުގޭގެ ޓްރާންސްފޯމަރަކަށް ދިމާވި މި މައްސަލަ ހައްލުކޮށްފައި ވަނީ އައްޑޫސިޓީގައި ހުރި ޓްރާންސްފޯމަރެއް ގެންގޮސްގެން ކަމަށް ފުވައްމުލަކު ސިޓީ އަށް ކަރަންޓު ދޭ ފެނަކައިން މަޢުލޫމާތު ދެއްވައެވެ.
ފުވައްމުލަކު ސިޓީއަށް ކަރަންޓު ދިނުމަށް ބޭނުންކުރި 800 ކިލޯވޮޓްގެ ޖަނަރޭޓަކަށް މައްސަލަ ދިމާވެފައި ވަނިކޮށް އިތުރު ޓްރާންސްފޯމަރެއް ހަލާކުވެގެން ކަރަންޓު ކެނޑިފައިވަނީ ފުވައްމުލަކުގެ މިސްކިތްމަގާއި މާދަނޑު އަވަށުންނެވެ.
ފެނަކައިން ބުނެފައިވަނީ ފުވައްމުލަކު ސިޓީގެ މިސްކިތްމަގާއި މާދަނޑު އަވަށުން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރެވިފައި ވަނީ އައްޑޫސިޓީގައި ހުރި 1000 ކިލޯވޮޓްގެ ޓްރާންސްފޯމަރެއް ގެންގޮސްގެންނެވެ.
ފުވައްމުލަކު ސިޓީގައި ހުރި 800 ކިލޯވޮޓްގެ ޖަނަރޭޓަށް މައްސަލަ ދިމާވުމާއިއެކު އެމައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެނަކައިން ފެށިއެވެ. އެގޮތުން އެކުންފުނިން ފުރަތަމަ މަސައްކަތް ކުރަމުން ގެންދިޔައީ ގައްދޫގައި އިންސްޓޯލް ނުކޮށްހުރި 800 ކިލޯވޮޓުގެ ޖަނަރޭޓަރު ސެޓެއް ގެންގޮސްގެން މައްސަލަ ހައްލުކުރުމަށެވެ. ނަމަވެސް ގައްދޫގެ ރައްޔިތުން ނިކުމެ އިޙްތިޖާޖު ކުރަން ފެށުމުން އެ ޖަނެރޭޓަރު ސެޓް ގެންދިއުން ވަނީ ހުއްޓަލައިފައެވެ.
ފުވައްމުލަކު ސިޓީއަށް ރޭ 1.16 ގައި އަލުން ކަރަންޓު ދޫކޮށްފައިވާއިރު ފެނަކައިން ބުނެފައިވަނީ އެސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް އެ ކުންފިނިން ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން 12000 ކިލޯ ވޮޓްގެ އާ ޖަނަރޭޓަރު ސެޓެއް ގެނައުމުގެ މަސައްކަތް ފަށާފައިވަ ކަމަށާއި މިހާރު އެ މަސައްކަތް އޮތީ ޓެންޑަރިން މަރުހަލާގައި ކަމަށެވެ.






