ދިވެހި މަސްދޯނިތަކަށް އިންޑިޔާ ސިފައިން އެރީ ހަތިޔާރާއި އެކުގައި ކަމަށް އިންޑިޔާ ސިފައިން ދޯނިތަކަށް އެރި މަންޒަރު ދައްކުވައިދޭ ވީޑިއޯ ތަކުން ދައްކައިފިއެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ކޮށްފައިވާ ޓްވީޓަކާއި އެކު ދޫކޮށްފައިވާ ވީޑިއޯގެ މަންޒަރު ދައްކުވައިދޭ ގޮތުން އިންޑިޔާ ސިފައިން ދިވެހި މަސްދޯނި ތަކަށް އަރައިފައިވަނީ ހަތިޔާރާއި އެކުއެވެ.
ވީޑިއޯގައި ދައްކާގޮތުން ދޯނީގައި ތިބި ފަޅުވެރިން ދޯނީގެ ކޮޅުފަސްކޮޅަށް ގެންގޮސް ދޯނީގެ މަތީގައި އިންޑިޔާ ސިފައިން ހަރަކާތްތެރިވެެއެވެ.
މީގެއިތުރުން ވީޑިޔޯ ތަކުން ފެންނަނީ ދޯނީގެ ކައިރީގައި އިތުރު ދިވެހި ދެ މަސް ދޯންޏާއި އިންޑިއާ ސިފައިންގެ ދެ މަނަވަރު ވެސް ގާތްކޮށްފައި އޮތެވެ.
އެގޮތުން ވީޑިއޯގައި ސާފުކޮށް ކައިރިން ފެންނަ މަނަވަރަކީ "އަރިޔަމަން" ނަމަކަށް ކިޔާ، އިންޑިއާގެ ކޯސްޓްގާޑުގެ މަނަވަރެކެވެ.
އިންޑިއާ ސިފައިން ދޯންޏަށްއެރީ ޤަވައިދާއި ޚިލާފަށް ހަތިޔާރާވެސްއެކު! pic.twitter.com/LKdeGKmVRj
— Bodu Kanneli Masveringe union- BKMU (@FishermensUnion) February 2, 2024
މިފާއިތުވި ހަފްތާގެ ބުދަ ދުވަހު ދިވެހި ކަނޑުގައި މސްވެރިކަމަށް ނުކުމެ އުޅުނު ދެތިން ދޯންޏަކަށް އިންޑިޔާ ސިފައިން އެރި ކަމަށް ބުނާ ވާހަކަތައް ފެންމަތިވެފައިވާއިރު، އެކަމާއި ގުޅިގެން އެމްއެންޑީއެފުން ވަނީ މީޑިއާތަކަށް މެސެޖެއް ހިއްސާކުރައްވައިފައެވެ.
އެމެސެޖްގައި ވާ ގޮތުން ރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަސްދޯންޏަކަށް ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން ވަނީ އަރައިފައިވާކަމަށެެވެ.
މިކަމާއިގުޅިގެން ހަތިޔާރުއެޅި އިންޑިޔާ ސިފައިން ރާއްޖެއަރައި މަސްވެރިންނާއި ކުރިމަތިލި މައްސަލާގައި، ކަން ހިނގައިދިޔަ ގޮތް ލިޔުމުން ފޮނުވުމަށް ދިވެހި ސަރުކާރުން އިންޑިޔާގައި ވަނީ އެދިފައެވެ.






