ރަމަޟާން މަހުގެ ފަހު ދިހައެއް ގައި ސަރުކާރު ބަންދުކުރި ނަމަވެސް ޢާންމުނަށް ބޭނުންވާ ޚިދްމަތްތައް ލިބޭނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން މިކަމާއި ގުޅިގެން ނެރެފައިވާ ދެންނެވުމުގައި ބުނެފައިވަނީ އިސްލާމީ އުސޫލުތައް ޤާއިމުކުރުމާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަންދިނުމަށް ފުރުޞަތު ދިނުމުގެ ގޮތުން، ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ހަމަޖައްސަވައިފި ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ކަމަށެވެ.
މިގޮތަށް ހަމަޖެއްސެވުމުން، 1445 ވަނަ އަހަރުގެ ރަމަޟާންމަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ރައީސް ޑރ މުޢިއްޒު ވިދާޅުވެފައިވާ ކަމަށް ވެސް އެދެންނެވުމުގައި ބުނެފައިވެއެވެ.
ރަމަޟާންމަހުގެ ފަހުދިހައާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެމަތިން ދެއްވުމުގެ އިންތިޒާމު ހަމަޖެއްސެވުމަށް ރައީސް ވަނީ ވިދާޅުވެފައި ކަމަށް ވެސް ދެންނެވުމުގައި ވެއެވެ.
ރަމަޟާން މަހުގެ ފަހު ދިހައެއް ބަންދުކުރެއްވުމަކީ ރައީސް ޑރ މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.






