ރައީސް ޑރ މުޙައްމަދު މުޢިއްޒު ކޮޅުމަޑުލަށް ވަޑައިގެން އެރަށުގައި އަޅުއްވާނެ ކަމަށް ވިދާޅުވި އެއަރޕޯޓްގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުޢިއްޒު ގުރައިދޫ އަށް ވަޑަައިގެންނެވުމުން އެރަށުގެ ރައްޔިތުންނާއި ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން ނުކުމެ ވަނީ އެމަނިކުފާނާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދަށް ހޫނު މަރުޙަބާއެއް ކިޔައިފައެވެ.
މިއަދު ގުރައިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު ފައްޓަވަމުން ވަނީ އެރަށުގެ ރައްޔިތުން އެމަނިކުފާނާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދަށް ކީ މަރުޙަބާއަށް ޝުކުރުއަދާކުރައްވައިފައެވެ.
ރައީސް ޑރ މުއިއްޒުގެ ވާހަކަފުޅުގައި ވިދާޅުވީ ގުރައިދޫގެ އެއަރޕޯޓްގެ މަސައްކަތަކީ އެރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންތައްކަން ފާހަގަކުރައްވައި، އެމަސައްކަތް ބަޖެޓުގައި ހިމެނިފައި ނެތް ނަމަވެސް ކުރިއަށް ގެންދަވާނެ ކަމުގައި ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.ރައީސްގެ ވާހަކަފުޅުގައި، އެއަރޕޯޓުގެ އިތުރުން ރަށުގެ ތަރައްޤީއަށް ބޭނުންވާ އަދި ރައްޔިތުން ހުށަހަޅާފައިވާ އެކިއެކި ކަންކަންވެސް ވަޢުދުވެވަޑައިގެންނެވި ގޮތަށް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

އެހެންނަމަވެސް ރާއްޖޭގެ އިޤްތިޞާދީ ހާލަތު މިހާރު އޮތްގޮތުން، އެކަންކަމުގެ ލިސްޓު، އެންމެ އިސްކަންދޭ ކަންކަން ކުރިއަށް ހިމެނޭގޮތަށް ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު ތަރުތީބުކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.ރައީސް ޑރ މުޢިއްޒު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޙަޤީޤީ މާނައިގައި ދެމެހެއްޓެނިވި ތަރައްޤީ ރައްޔިތުންނަށް ގެނެސްދެއްވުން ކަމުގައެވެ.






