ބަހާއި ޢަމަލާއި އަބަދުވެސް ދިމާވާނެ ކަމަށާއި ވެވަޑައިގެންނެވި ވަޢުދުފުޅާއި އެއްގޮތައް ކަން ކަން ކޮށްދެއްވާނެ ކަމަށް ރައީސް ޑރ މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުޢިއްޒު މިހެން ވިދާޅުވީ މިހާރު އެމަނުކުފާނު ކޮޅުމަޑުލަސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ އެއަތޮޅު މަޑިފުށްޓަށް ކުރެއްވެވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައެެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ އެމަނިކުފާނު ވެ ވަޑައިގެންނެވި ވަޢުދުފުޅުގައި އޮތް އެއް ކަމަކީ ޢުމްރާނީ ތަރައްޤީގެ ދާއިރާއިން މަގުހެދުން ކަމަށެވެ.
އަދި އެކަމުގައި ވަޢުދުފުޅު ވެވަޑައިގެންނެވީ އެފަދަ ރަށްތަކުގައި ހުރި ހުރިހާ ބޮޑެތި މަގުތައް ހަދައިދިނުން ކަމަށެވެ. އަދި އެކަމަށް ކެމްޕެއިންގެ ތެރޭގައި ވަޢުދުވެވަޑައިގެންނެވި ކަމަށެވެ.
“އަޅުގަނޑަކީ އިރާދަކުރެއްވިއްޔާ ބަހާއި ޢަމަލާ ހަމަ އަބަދުވެސް ދިމާވާނެ މީހެއް. އަޅުގަނޑު ވަޢުދުވީ ގޮތަށް މި ރަށުގެ މަގުތައް ހަދައިދޭނަން. ހަމަ އެގޮތަށް، ރާއްޖޭގެ ހުރިހާ ދިމާއެއްގައިވެސް މަގުހެދުން ކުރިއަށްދާނެ” ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކަނޑައެޅޭ އުޞޫލެއްގެ މަތިން މި އަހަރުގެ ތެރޭގައި އެ މަސައްކަތްތައް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެށިގެންދާނެ ކަމަށެވެ.
“ދެން ހުންނާނީ ޢުމްރާނީ ތަރައްޤީގެ ދެންހުރި މަޝްރޫޢުތައް. އެ މަޝްރޫޢުތައްވެސް ހަމަ މި ދެންނެވި ބީދައިން ތަރުތީބުކޮށްގެން ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސްދޭނަން” ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.
މަޑިފުށްޓަށް ޚާއްސަކޮށް އެރަށުގެ ތަރައްޤީ އާއި ގުޅިގެން ރައީސް ޑރ މުޙައްމަދު މުޢިއްޒުވަނީ މުހިންމު ވާހަކފުޅުތަކެއް ދައްކަވައިފައެވެ.
އެގޮތުން އެ ރަށުގެ ކައިރީގައި، އެ ރަށުގެ އިޙްތިޞާޞް ތެރޭގައި އޮތް އުފުރިޔާ އެރަށާއި ގުޅުވާލުމަށް ވަނީ ވަޢުދުވެ ވަޑައިގެންނެވިއެވެ.
“މިހާރު ރިވެޓްމަންޓް މަޝްރޫޢު ކުރިއަށްދާއިރުގައިވިޔަސް، އަދި އެނޫން ގޮތަކުންވިޔަސް، މި ރަށާ އެ ރަށް ގުޅުވައިލުމަކީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކޮށްދޭނެ ކަމެއް، ކޮށްދީ، ޖާގަ އިތުރުކުރެވި، އިޤްތިޞާދީ އިތުރު ފުރުޞަތުތައް ފަހިވެގެންދާނެ” ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަޑިފުށްޓަކީ ވަރަށް ގިނަ އޮޑިދޯނިފަހަރު ގެންގުޅޭ ވިޔަފާރިކުރާ ރައްޔިތުންތަކެއް އުޅޭ ރަށެއް ކަމަށެވެ. އެ އިންޑަސްޓްރީ އިތުރަށް ފުޅާކުރަން ކަމުގައިވިޔަސް، އެ އިންޑަސްޓްރީގެ ތެރެއިން އިތުރު ސަބް އިންޑަސްޓްރީތައް ފުޅާކުރަން ކަމަށްވިޔަސް، އަދި އިޤްތިޞާދީ އެހެނިހެން މަސައްކަތްތައް ކުރަންވިޔަސް، ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.






