Close

ތިނަދޫ ސިޓީގައި ރައްކާ ފަހިރާސްތާ ޕްރޮގްރާމް ފަށައިފި!

ގދ ތިނަދޫ ސިޓީގައި ރައްކާ ފަހިރާސްތާ ޕްރޮގްރާމް ފަށައިފިކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ މި ހިނގާ ފެބުރުއަރީ މަހުގެ 4 އިން 9 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން އިންސްޕެކްޓަރ އޮފް ޕޮލިސް ތަލްހަތު އަހްމަދް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޕްރޮގްރާމް ފައްޓަވައިދެއްވައި ތަލްހަތު އަހްމަދު ދެއްކެވި ވާހަކަ ފުޅުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް ކަމާއި ރައްޔިތުން ގުޅިގެން ކުރެވޭ މިކަހަލަ މަސައްކަތްތަކަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވެމުންދާ މަސައްކަތަށް އެޅޭ ވަރަށް ބޮޑު ބާރެއްކަން ފާހަގަކުރެއްވިއެވެ.

އަދި މަގުމައްޗަކީ އެންމެނަށް އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރަން ޖެހޭކަމަށް ވިދާޅުވި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފަހިރާސްތާ ޕްރޮގްރާމުގައި، ދުވެއްޔަށް ހާއްސަކޮށްގެން ސްޕީޑް ގަން ބޭނުން ކޮށްގެން ކޮންމެ ދުވަހަކު ކުރިއަށް ގެންދާ އެވެއާނަސް ޕްރޮގުރާމުގައި، ޓްރެފިކާ ގުޅުންހުރި މައުލޫމާތު ހިމެނޭ ލީފްލެޓް އާންމު ރައްޔިތުންނަށް ހަދިޔާކުރުމާއި އެއްގަމު އުޅަނދު ދުއްވާއިރު ހަމަކުރަންޖެހޭ ސްޓިކާތައް އުޅަނދުގައި ހަމަތޯ ބެލުމާއި ހާއްސަކޮށް ތުއްތު ކުދިން ގޮވައިގެން އުޅަނދު ދުއްވާއިރު ހާނަސް އެޅުމާއި ޝީޓް ބެލްޓުއެޅުމުގެ ބޭނުންތެރިކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އަދި އޯވަރސްޕީޑް ކުރުމުގެ ނުރައްކާތެރިކަން ބުނެދީ ގޯޅި އަޅާއިރު އުޅަނދުގެ ސްޕީޑު މަޑުނުކޮށް ދުއްވާ މީހުންނަށް ހާއްސަ ސަމާލުކަމެއް ދީގެން މޮނީޓަރކޮށް އެގޮތަށް އެކަން ނުކުރުމަށް ނަސޭހަތްތެރިވާނެ ކަމަށްެވެސް ފުލުހުން ވަނީ ބުނެފައެވެ.

އެއްގަމު އުޅަނދު ދުއްވާއިރު، ސްޕީޑް ގަން ބޭނުންކޮށްގެން ބަލައި އޯވަރ ސްޕީޑްވާ މީހުންނަށް ހުއްޓުވައި ނަސޭހަތްތެރިވާނެ ކަމަށާއި، އަދި ސްކޫލު ސަރަހައްދުގެ ޓްރެފިކް ބަލަހައްޓާނެ ގޮތާއި އާންމުކޮށް މީހުން އެއްވާ ތަންތާގައި ވެހިކަލް ޕާކު ކުރުމުގައި ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި ތިނަދޫ ސިޓީ ޕޮލިހާއި ސައުތު ޕޮލިސް ރީޖަން ގުޅިގެން ކުރިއަށް ގެންދާ ފަހިފަރާސްތާ ޕްރޮގްރާމްގެ ދަށުން، ސްކޫލުތަކުގެ ދަރިވަރުންނަށާއި އޮފީސްތަކުގެ މުވައްޒަފުންނަށް ވެސް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށްެވެސް ފުލުހުން ބުނެފައިވެއެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top