މަޖިލިސް އިންތިޚާބު ރޯދައިގެ ފަހުން ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމިޓީއިން ނިންމައި ފާސްކޮށްފިއެވެ.
ވަގުތީ ކޮމިޓީގެ މި ނިންމުމަކީ އިދިކޮޅު މައި ޕާޓީ އެމްޑީޕީ އިން ހުށައަޅައިފައިވާ ހުށައިޅުމެކެވެ.
މިއަދު ބޭއްވި ވަގުތީ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އެމްޑީޕީން ހުށަހެޅި ގޮތަށް، ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިޚާބު ބޭއްވުމަށް ފާސްކޮށްފައެވެ. މި ބިލު ފާސްކުރީ އެ ބިލު ދިރާސާކޮށް ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ފަސް މެންބަރުންގެ ހާއްސަ ކޮމެޓީގެ އިއްތިފާގުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރޯދަ މަހާ ދިމާވާތީ އެކަމަށް ހައްލެއް ހޯދުމަށް އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް އިސްލާހު ގެނައުމަށް މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ.
މި ބިލުގެ ކޮމިޓީ މަރުހަލާގައި އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ކޮމިޓީއަށް ހާޒިރުކުރުމުން އެބޭފުޅާ ވަނީ ރޯދައިގެ ފަހުން އިންތިޚާބު ބާއްވައިފިނަމަ, ވޯޓު ގުނުމަށްފަހު ދާއިމީ ނަތީޖާ އިއުލާނުކޮށް, އިންތިޚާބުގެ ހުރިހާ ކަމެއް ނިންމަން ލިބޭ މުއްދަތު ވަރަށް ކުރުވާނެ ކަމަށް ބުނެފައެވެ.
މަޖިލީހުން މި ބިލު ފާސްކުރި ނަމަވެސް އިލެކްޝަން ކޮމިޝަނުން ވަނީ މިއަހަރުގެ މަޖިލިސް އިންތިޚާބު މާޗު މަހުގެ 17 ވަނަ ދުވަހު ބާއްވާނެ ކަމަށް އިއުލާނު ކޮށްފައެވެ.






