ރައީސް ޑރ މުޙައްމަދު މުއިއްޒާއި އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އަދި ޢާއިލާގެ ދިރިއުޅުއްވުން ރަސްމީގެ ކޮޅު މުލިއާގެ އަށް ބަދަލުކުރައްވައިފިއެވެ.
ވެރިކަމުގެ ހުވައި މިދިޔަ ނޮވެމްބަރު މަހު ކުރެއްވި ނަމަވެސް ރައީސްގެ ދެކަނބަލުން ދިރިއުޅއްވަމުން ގެންދެވީ އެމަނިކުފާނުގެ އަމިއްލަފުޅު ގެ ކަމަށްވާ މ.ދިމްޔާތްގައެވެ.
ރައީސްގެ ދެކަނބަލުންގެ ދިރިއުޅުއްވުން މުލިއާގެއަށް ބަދަލުކުރައްވައިފައިވަނީ މިހަފްތާގެ ހޯމަދުވަހުއެވެ.
ރަސްމީގެކޮޅަށް ރައީސްގެ ދެކަނބަލުންގެ ދިރިއުޅުއްވުން ބަދަލު ނުކުރެވި ލަސްވެގެން ދިޔައީ މުލިއާގޭގައި ކުރަންޖެހޭ މަރާމާތުތަކެއް ހުުރުމުން ކަމަށް ރައީސް އޮފީހުން ކުރިން ވަނީ ބުނެފައެވެ.
އަދި މުލިއާގޭގައި ކުރަންޖެހުނު މަރާމާތުތައް ކޮށްފައިވަނީ އެ ޢިމާރާތުގެ އަސްލު ގެއްލިގެން ނުދާނެ ގޮތައް ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މުލިއާގެއަކީ މީގެ 104 އަހަރު ކުރިން އައްސުލްތާން މުހައްމަދު ޝަމްސުއްދީންގެ ވެރިކަމުގައި ބިނާކޮށްފައިވާ ތަނެކެވެ. ރާއްޖޭގެ ތާރީހްގައި މިހާތަނަށް ރައީސުލްޖުމުހޫރިއްޔާގެ މަޤާމް އެންމެ ގިނަ ދުވަހު އަދާކުރެއްވި ރައީސް މައުމޫނު އަބުދުލްޤައްޔޫމު ވެސް އެންމެ ފުރަތަމަ ދިރިއުޅުއްވާފައިވަނީ މުލީއާގޭގައެވެ.






