ފްލެޓްތަކަށް ޝަރުތު ހަމަވާމީހުންގެ ތަފްސީލް އެންޓި ކޮރަޕްޝަން ކޮމިޝަނުން ހަމަކުރުމާއި އެކު ފްލެޓްތައް ހަވާލުކުރެވޭނެ ކަމަށް ޢިމާރަތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ ޢަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
“ގެދޮރުވެރިޔާ” ސްކީމްގެ ދަށުން ފްލެޓް ދިނުމަށް މިދިޔަ ސަރުކާރުން ނެރުނު ލިސްޓުގެ ބޮޑު ބަޔަކީ ފްލެޓަށް ހަޤީޤަތުގައި ޝަރުތު ހަމަވާ ފަރާތްތަކެއް ނޫން ކަމަށް އޭސީސީއިން ވަނީ ބުނެފައެވެ.
ފްލެޓްތައް ދޫކުރުމާއި ގުޅޭ ގޮތުން ޑރ ހައިދަރު ވިދާޅުވެފައިވަނީ ކުރީ ސަރުކާރުން ނެރުނު ފްލެޓް ލިސްޓުގައި ގިނަ ކޮރަޕްޝަންގެ ޢަމަލުތައް ހިންގާފައިވާ ކަމަށް އޭސީސީ ތަހުޤީގަށް އެނގިފައިވާތީ އެ މައުލޫމާތުތައް ހޯދުމަށް އެވުޒާއިން ވަނީ އޭސީސީގައި އެދިފައިކަމަށެވެ.
އަދި އެ މައުލޫމާތު ވުޒާރާ އާއި ހިއްސާކޮށްދެއްވާނެ ކަމަށް އޭސީސީން ވިދާޅުވެފައިވާ ކަމަށެވެ.
"”އަޅުގަނޑުމެން މި މަސައްކަތް ކުރާނީ ވީހާވެސް އަވަހަކަށް ޝަރުތު ހަމަވާ އެންމެންނަށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭތޯ. އެހެންނަމަވެސް އެކަން ކުރެވޭނީ އެ ތަފްސީލްތައް އަޅުގަނޑުމެންނަށް ލިބުމުން،" ވަޒީރު ހައިދަރު ވިދާޅުވިއެވެ.
އޭސީސީން ކުރިއަށް ގެންދިޔަ ތަޙްޤީގާއި ގުޅޭގޮތުން ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފްލެޓްތަކާއި ގުޅޭ ގޮތުން އޭސީސީން ކުރިއަށްދާ ތަހުޤީގުގެ ފުރަތަމަ މަރުހަލާ ނިންމައި ކޮމިޝަންގެ ހޯދުންތައް މި މަހުގެ އެއްވަނަ ދުވަހު އެ ވުޒާރާ އާއި ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ކޮމިޝަނާ ބައްދަލުކޮށް އިތުރު ތަފްސީލްތައް ހޯދުމަށް މަޝްވަރާކޮށްފައިވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.






