މީހުންގެ އަބުރާ ބެހުމުގައި ތިމާމެންގެ ވަގުތުތައް ހޭދަކުރާ މީހުން އެފަދަ ފާފަތަކުން ދުރުހެލިވާންޖެހޭ ކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ބުނެފިއެވެ.
މިއަދުގެ ޙުތުބާގައި އަލިއަޅުއްވައިލައިފައިވަނީ އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅާއި މެދުގައެވެ.
އެގޮތުން އިސްރާއާއި މިޢުރާޖުގެ މަތިވެރި ޙާދިޘާއަކީ މާތް الله ކީރިތި ރަސޫލާ އަށް ދެއްކެވި މުޢުޖިޒާތެއް ކަމަށް ޙުތުބާގައި ބުނެފައިވެއެވެ. އަދި އެއީ މުސްލިމުންނަށް ކުރިމަތި ކުރެއްވި ބޮޑު އިމްތިޙާނެއް ކަމަށާއި އިސްރާގެ ޙާދިޘާއަކީ ހިނގާފައިވާ ކަމެއްކަން ކީރިތި ޤުރްއާނުގެ ނައްޞުން ޘާބިތު ވާކަމަށް ޙުތުބާގައި ބުނެފައިވެއެވެ.
“އިސްރާއަކީ މި ބިންމަތީގައި ހިނގި ހާދިޘާއެއް، ރޭގަނޑުން ބައެއްގައި މާތް الله މާތްކުރައްވާފައިވާ މައްކާގެ އަލްމަސްޖިދުލް ޙަރާމުން ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައިވާ އަލްމަސްޖިދުލް އަޤްޞާއަށް އެކަލާނގެ ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ގެންދެވި ދަތުރު ފުޅު،، މިޢުރާޖަކީ ބައިތުލްމަޤްދިސްގައިވާ އަލްމަސްޖިދުލް އަޤްޞާއިން ހަތްވަނަ އުޑުގެ މައްޗަށް ކީރިތި ރަސޫލާ z ގެންދެވުނު ދަތުރުފުޅު، މި ދަތުރުފުޅު ނިމުނު ޙިސާބު ދެނެވޮޑިގެންވަނީ، ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގަންނަވާ، اللهُ سُبْحَانَهُ وَتَعَالَى” ޙުތުބާގައި ބުނެފައިވެއެވެ.
ޙުތުބާގައި ބުނެފައިވަނީ އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުގައި ބައެއް މީހުންކުރާ ކުށްފާފަތަކަށް މާތް ﷲ ކަނޑައަޅުއްވާފައިވާ ޢަޛާބުގެ މަންޒަރުތަކެއް ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ އަށް ދެއްކެވި ކަމަށެވެ.
އޭގެތެރެއިން އެއްބަޔަކީ އަލިފާނުގެ ކަތުރުތަކަކުން އެބައިމީހުންގެ ތުންފަތްތައް ކޮށައި ކުދިކުރަމުންދާ ބައެއް ކަމަށާއި، އެއީ ކޮން ބައެއްތޯ ސުވާލު ކުރެއްވުމުން ޖިބްރީލުގެފާނު ވިދާޅުވީ، އެއީ މީސްތަކުންނަށް ހެޔޮ ކަންތައް ކުރުމަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރާ އިރު އެމީހުންގެ އަމިއްލަ ނަފުސުތަކުގެ މަތިން ހަނދާން ނައްތާލައިފާވާ މީހުން ކަމުގައި ކަމަށް ޙުތުބާގައި ބުނެފައިވެއެވެ.
މި ދަތުރުފުޅުގައި ފެނިވަޑައިގެންނެވި އަނެއް މަންޒަރަކީ، އެބައިމީހުންގެ އިނގިލިތަކުގައި، ލޮއިގެ ނިޔަފަތިތަކެއް ހުރި ބަޔަކު އެ ނިޔަފަތިތަކުން އެމީހުންގެ މެއާއި މޫނުގައި ވަކި އަޅައި ނޮޅަމުންދާ މަންޒަރު ކަމަށާއި، އެއީ ކޮން ބައެއްތޯ ސުވާލު ކުރެއްވުމުން ޖިބްރީލުގެފާނު ވިދާޅުވީ އެއީ މީސްތަކުންގެ އަބުރަށް އަރައި ނެތި މޮށޭ މީހުން ކަމުގައި ވިދާޅުވިކަމަށް ޙުތުބާގައި ބުނެފައިވެއެވެ.
އަދި މި ނޫންވެސް އެތައް ކަމެއް އެ ރޭ އެކަލޭގެފާނަށް ފެނިވަޑައިގަތް ކަމަށް ޙުތުބާގައި ބުނެފައިވެއެވެ.
“ވީއިރު ރޭގަނޑާއި ދުވާލު، ނެތިމޮށުމާއި، މީހުންގެ އަބުރާ ބެހުމުގައި ތިމާމެންގެ ވަގުތުތައް ހޭދަކުރާ މީހުން މި ކަމާ މެދު ވިސްނައި އެފަދަ ފާފަތަކުން ދުރުހެލިވުމަށް ޢަޒުމު ކަނޑައަޅަން ޖެހޭ” ހުތުބާގައި ބުނެފައިވެއެވެ.






