ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ތާރީޚަސް ބަދަލުއަޔަސް، އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލައިފައި އޮޮތް މުއްދަތު އިތުރުނުކުރައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ޙަބީބް ވިދާޅުވެއްޖެއެވެ.
ޙަބީބް މިހެން ވިދާޅުވީ އޭނާ ކުރެއްވެވި ޓްވީޓެއްގައެވެ.
ޙަބީބް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށް އިޢުލާން ކުރިތާ މިވީ 12 ދުވަސް ވެފައިވާ ކަމަށެވެ.
އަދި އިންތިޚާބަށް ކުރިމަތިލުމަށް ބާކީ ދެން އޮތީ 4 ދުވަސް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
“އިންތިޚާބުގެ ތާރީޚަށް ބަދަލެއް އަޔަސް، އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ދެން އިތުރު މުއްދަތެއް ނުދޭނެ، ފޯމު ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ ފެބުރުއަރީ 14 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 2:00” ޙަބީބް ވިދާޅުވެފައިވެއެވެ.
ހޮނިހިރު ދުވަހު އަދި ރަސްމީ ދުވަސްތަކުގައި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00ން މެންދުރުފަހު 14:00އަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ކަމަށްވެސް އީސީގެ ނައިބު ރައީސް ޙަބީބް ވިދާޅުވެފައިވެއެވެ.
މިހާތަނަށް އީސީއަށް ލިބިފައިވާަނީ 18 އެޕްލިކޭޝަން ފޯމު ކަމަށާއި، އިއްޔެ ލިބުނީ ޕީއެންސީ ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކާއި، އަމިއްލަ 2 ފަރާތަކުން ހުށަހެޅުއްވި 2 ފޯމު ކަމަށް ޙަބީބް ވިދާޅުވެފައިވެއެވެ.
މި 3 ހުށަހެޅުން ވެސް އީސީން ވަނީ ގަބޫލު ކޮށްފައި ކަމަށާއި، އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދުކުރާ މަދުވެގެން 50 މީހުންގެ ސޮޔާއެކު އެ ފަރާތްތަކުގެ އައިޑެންޓިޓީ ކާޑު ގެ ދެފުށުގެ ސާފު ކޮޕީ ހުށަހަޅުއްވަންޖެހޭ ކަމަށް ޙަބީބް ވިދާޅުވިއެވެ.
ދަރަނީގެ ރެކޯޑް އޮތްނަމަ، އެ ދަރަނި އަދާކުރަމުން ދާކަމުގެ ހެކި ހުށަހަޅަންޖެހޭ ކަމަށާއި، އެކައުންޓް ހުޅުވުމުގައި، ދިމާވި ދަތިތައް ޙައްލުކުރުމަށް އެމްއެމްއޭ އިން ވަނީ ބޭންކުތަކުގައި ދަންނަވާފައި ކަމަށްެވެސް ޙަބީބް ވިދާޅުވިއެވެ.
“އެންމެ ފަހު ވަގުތުގައި ފޯމު ލައްވަން މަޑުކުރައްވައިފިނަމަ، ފަހަރެއްގައި ފޯމުގެ މައްސަލައެއް ދިމާވެގެން ފޯމު އިސްލާޙް ކުރަން ޖެހިއްޖެ ހިނދެއްގައި، ފޯމު އިސްލާޙް ކުރުމުގެ ފުރުޞަތު ލިބިވަޑައިނުގެންފާނެ” ޙަބީބް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބް ރަމަޟާން މަހު ބޭއްވުމަށް އީސީ އިން ނިންމައި ތާރީޚު ކަނޑައަޅުއްވައިފައިވާ އިރު ރައްޔޮތުންގެ މަޖިލީހުގެ ވަގުތީ ކޮމިޓީ އިން ވަނީ އިންތިޚާބު ރަމަޟާން މަހުގެ ފަހުން ބޭއްވުމަށް ނިންމައިފައެވެ.






