މިއަދުން ފެށިގެން މަސްކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް ހަދައިފިއެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ޝާފިއު މީޑިއާ އަށް ވިދާޅުވެފައި ވަނީ މާދަމާއިން ފެށިގެން މަސް ގަންނަ އަގު 25 ރުފިޔާއިން 20 ރުފިޔާއަށް ކުޑަކުރުމަށް ނިންމާފައިވާ ކަމަށެވެ.
ސަރުކާރުން ރައީސް ޑރ މުޢިއްޒު އެކުލަވާލައްވާފައިވާ އިކޮނޮމިކް ކައުންސިލުގެ ނިންމުންތަކަށް އަމަލުކުރާނީ، ރައީސް އެ ނިންމުމެއް ބަލައިގެންފި ނަމައެވެ.
މިއަދުން ފެށިގެން މަސް ގަންނަ އަގު 20 ރުފިޔާއަށް ބަދަލުކުރަން ނިންމާފައިވާއިރު މިހާރު މަސްގަންނަމުން ދާއަގުކަމަށް ވާ 25 ރުފިޔާގެ އަގަކީ ނިމިދިޔަ ސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅު ރައީސް އިބުރާޙިމް މުޙައްމަދު ޞާލިޙް އިއުލާނު ކުރެއްވި އަގެކެވެ.
ރައީސް ޞާލިޙްގެ މި ކުއްލި ނިންމެވުމާއި ގުޅިގެން ، މަސް ބަންދުކުރުމުގައި ހަރަކާތްތެރިވާ އަމިއްލަ ބައެއް ކުންފުނިތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ސަރުކާރު ވެރިކަމާއި ހަވާލުވުމުގެ ކުރިންވެސް އަދި ވެރިކަމާއި ހަވާލުވުމަށް ފަހުވެސް ބުނަމުން ގޮސްފައި ވަނީ 25 ރުފިޔާއަށް ކިލޯއެއްގެ ރޭޓުން މަސް ގަތުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ހަމަ މިއާއި އެކު ސަރުކާރުން ބުނެފައިވަނީ މަސްކިލޯއެއް ގަންނަ އަގު މި ސަރުކާރުން 20 ރުފިޔާއަށް ވުރެ ދަށް ނުކުރާނެ ކަމަށެވެ.






