ޢަދާލަތު ޕާޓީގެ ޓިކެޓްގައި 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ 4 ބޭފުޅުންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފިއެވެ.
ޢަދާލަތު ޕާޓީގެ ފަރާތުން ހަތަރު ދާއިރާއަކަށް ވާދަކުރާއިރު އެހަތަރު ދާއިރާއަށް ވަދަކުރައްވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ހޯމް މިނިސްޓަރ އައްޝައިޙް ޢިމްރާން ޢަބްދުﷲ ވެސް ހިމެބިވަޑައިގަންނަވައެވެ.
ޢިމްރާން ވާދަކުރައްވަނީ ހދ މަކުނުދޫ ދާއިރާއަށެވެ. ހދ ވައިކަރަދޫ ދާއިރާއަށް ވާދަކުރައްވަނީ ނޫސްވެރިކަމުގެ ދާއިރާގައި އަގުހުރި ޚިދްމަތް ތަކެއް ކުރައްވައިފައިވާ ހުސެއިން ޘަޤީފް އިޙްސާނެވެ.
މީގެ އިތުރުން ކުރިން ޙައްޖު ކޯޕަރޭޝަންގެ އެމްޑީ އަކަށް ހުންނެވި އިސްމާއިލް ޙަމީދު ވާދަކުރައްވަނީ ފުނަދޫ ދާއިރާއަށެވެ. މީގެ އިތުރުން އިނގުރައިދޫ ދާއިރާއަށް އެޕާޓީގެ ފަރާތުން ވާދަކުރާއިރު، އެދާއިރާއަށް ވާދަކުރައްވަނީ އިސްމާޢިލް ޢަލީއެވެ.
ނިމިގެންމިދާ 19 ވަނަ މަޖިލީހުގެ 9 ދާއިރާއަކަށް ޢަދާލަތު ޕާޓީ އިން ވާދަކުރިއިރު އެފަހަރު އެއްވެސް ގޮނޑިއެއް އެޕާޓީއަށް ކާމިޔާބު ވެފައެއް ނުވެއެވެ.
މިހާތަނަށް ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވަނީ ޢަދާލަތަށް ނިސްބަތްވާ 2 މެމްބަރަކެވެ. އެއީ ކުރިން ވައިކަރަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވި ޑރ އަނާރާ ނަޢީމެވެ. އަދި އޭގެ ކުރިން ގދ ފަރެސްމާތޮޑާ ދާއިރާއަށް ވާދކަުރައްވައި ޢަބްދުﷲ މުއްޠަލިބްވެސް ވަނީ ގޮނޑި ކާމިޔާބު ކުރައްވައިފައެވެ.






