ގދ ވާދޫގައި “ރައްކާތެރި ވިޔަފާރިއެއް”ގެ ނަމުގައި ފުލުހުން ޕްރޮގްރާމެއް ހިންގައިފިއެވެ.
ފުލުހުން ބުނެފައިވަނީ މަކަރާހީލަތުގެ މައްސަލަތަކުން ގދ. ވާދޫ ރައްޔިތުން ރައްކާތެރިކޮށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމަށް ވާދޫ ޕޮލިސް ސްޓޭޝަނުން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ”ރައްކާތެރި ވިޔަފާރިވެރިއެއް” ގެ ނަމުގައި ގދ. ވާދޫގައި ޕްރޮގްރާމެއް ހިންގައިފިއެވެ.
ވާދޫގެ އެކި ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި، މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުން އާންމުކޮށް ދައްކާ ވާހަކަތަކާއި ބޭނުންކުރާ އުކުޅުތައް ބުނެދީ އެފަދަ ކަންކަމުން ރައްކާތެރިވާނެ ގޮތާއި، ފިހާރަތަކުން ވައްކަންކުރުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އަދި އޮންލައިންކޮށް ފައިސާދައްކާފައި ފޮނުވާ ސްލިޕަކީ ސައްހަ ސްލިޕެއްތޯ ކަށަވަރުކުރުމަށާއި ފައިސާ އެކައުންޓަށް ޖަމާވިތޯ ޔަގީން ކުރުމަށާއި އެކި ޕްރޮމޯޝަންތަކުގެ ނަމުގައި ގުޅައި އީމެއިލް އަދި ޕާސްވޯޑް ދިނުމަށް އެދުނުކަމުގައިވިޔަސް ހިއްސާނުކުރުމަށާއި އެފަދަ ކަމެއް ދިމާވެއްޖެނަމަ ފުލުހުންނަށް ރިޕޯޓުކުރުމަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އޭގެ އިތުރުން ވިޔަފާރި ބަންދުކުރުމަށްފަހު ފިހާރަތެރޭގައި ފައިސާ ނުބެހެއްޓުމަށާއި ފިހާރަ ރަނގަޅަށް ތަޅުލެވިފައިހުރިތޯ ޔަގީންކުރުމަށާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ސީސީޓީވީ ކެމެރާ ހަރުކުރުމަށް އިރުޝާދުދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ފެބުރުވަރީ މަހުގެ 11 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި އެރަށުގެ 14 ފިހާރައަށް ޒިޔާރަތްކޮށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.






