ޝަޢްބާން މަހަކީ އެތައްގޮތަކުން ޚާއްސަ ވެގެންވަ މަހެއް ކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ބުނެފިއެވެ.
“މައްސަރުތަކާ ރޭދުވާ ތަކުރާރުވަމުން ގޮސް އަނެއްކާވެސް އަހަރެމެންނާ ކުރިމަތިލާފައި މިވަނީ، شَـعْباَنމަސް، މި މަސް، އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ޚާއްޞަވެގެން ވޭ، އޭގެތެރޭގައި އެމަހަކީ، رَمَضَانމަހަށް މަރްޙަބާ ކިޔަމުން އަންނަ މަހަށްވުން ހިމެނޭ” ޙުތުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން ޙުތުބާގައި ބުނީ ޝަޢްބާން މަހުގެ ހަނދު ފެނުމާއެކު ކޮންމެ މުސްލިމެއްގެ ހިތަށް ވެރިވާނީ، ރޯދައިގެ މަތިވެރިކަމާއި، ރޭއަޅުކަމާއި، ޤުރްއާން ކިޔެވުމާއި، އިޢުތިކާފު ކުރުމާއި ހެޔޮޢަމަލުތައް ކަމަށެވެ. އަދި އެއީ ސަވާބާއި، ރަޙްމަތުން ފުރިގެންވާ މަހަކަށް އެމަސް ވާތީ ކަމަށްވެސް ޙުތުބާގައި ބުނެފައިވެއެވެ. އަދިހަމަ އެހެންމެ ރަމަޟާން މަހަށް ތައްޔާރުވާ މަހެއްކަމުގައި އެމަސް ވުންނވެސް ހިމެނޭކަމަސް ޙުތުބާގައި ބުނެފައިވެއެވެ.
މީގެއިތުރުން ރޯދައިގެ މަތިވެރިއަޅުކަމުގެ ސަބަބުން، ޝައިޠާނާގެ ކަސްތަޅުތަކުން ތިމާ ސަލާމަތްވުމަށާއި، ހަވާނަފްސުގެ އެދުން ތަކުން ނަޖާވެ، ވަހުމްތަކާއި ވަސްވާސްތަކާ ދުރުހެލިވެ، ސީދާ ވުމަށް ލިބޭ އަގުހުރި ފުރުޞަތަކަށް ޝަޢްބާން މަސް ވާކަމަށް ޙުތުބާގައި ބުނެފައިވެއެވެ.
މިއަދުގެ ޙުތުބާގައި ބުނީ ޞިއްޙީ ގޮތުންނާއި ޢުމުރުގެ ގޮތުން، އެކިމީހުންގެ ޙާލަތު ތަފާތުކަމަށާއި، އެހެންކަމުން ހަނދާން ބަހައްޓަންވީ ކަމަކީ، އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ހެޔޮ ޢަމަލު ކުރުމުގައި ދެމިހުރުމަށް ކަމަށެވެ.
އަދި ކީރިތި މާތް ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ އިރުޝާދުފުޅުތަކަށް ބަލާއިރު، މާތް الله ގެ حَضْرَةُ ގައި ހެޔޮ ޢަމަލުތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު ޢަމަލަކީ، ދެމިހުންނަނިވި ގޮތުގައި ކުރެވޭ ޢަމަލުތައް ކަމަށް ޙުތުބާގައި ބުނެފައިވެއެވެ.






