ޢުމުރުގެ ދުވަސްތަކަށް ނިމުން އަންނާނީ ކޮން އިރަކު ކޮން ވަގުތަކު ކަމެއް ނޭނގޭނެކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
“ތމާގެ ޢުމުރުގެ ދުވަސްތަކަކީ ކިހާދުވަހެއްކަމެއް އެއްވެސް މީހަކަށް އެނގިގެނެއްނުވޭ، ނަމަވެސް ޢުމުރުގެ ދުވަސްތަކަށް ނިމުމެއް އަންނާނެކަމީ ކަށަވަރުވެގެންވާ ކަމެއް، އެވަގުތު އަންނާނީ ކިހިނެއް، ކޮންއިރަކު، ކޮންތާކުހުއްޓައި ކަމެއް އެއްވެސްމީހަކަށް ނޭނގޭނެ” ޚުތުިބާގައި ބުނެފައިވެއެވެ.
"ވެހޭތާ ފެންނަގާށޭ" ބުނާފަދައިން ލިބިފައި އޮތް ފުރުޞަތުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް މިއަދުގެ ޚުތުބާގައި ނަސޭހަތް ތެރިވެފައިވެއެވެ.
އަދި ހެޔޮ ކަންތަކާއި ހެޔޮ ޢަމަލު ކުރެވޭނީ ގައިގައި ބާރު ހުއްޓައި ކަމަށާއި، މުސްކުޅިވެ ވަރުދެރަވުމުން ފުރިހަމައަކަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ޚުތުބާގައި ބުންޏެވެ.
“އެހެން ކަމުން ވަގުތު ފާއިތު ނުވަނީސް ހެޔޮޢަމަލުގައި އަވަދިނެތި އުޅޭވޭތޯ މަސައްކަތްކުރޭ، ކޮންމެ ޢަމަލަކީ އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ކުރަންޖެހޭ ޢަމަލެއް، މިގޮތުގެ މަތީގައި ހުރެވިއްޖެނަމަ، އޭނާއަށް އެހުރެވެނީ އަޅުކަމުގެ ތެރޭގައި” ޚުތުބާގައި ބުނެފައިވެއެވެ.
ނަމަވެސް އެކަމުގެ ތެރޭގައި އިސްލާމްދީނުގައި މަނާ ކުރައްވާފައިވާކަމެއް ވާނަމަ، އަޅުކަމުގެ އިމުން ބޭރުވެ ފާފަވެރިވާނެ ކަމަށާއި އެކަން ލިޔެވިގެންދާނީ ހެޔޮނޫން ޢަމަލުތައް ލިޔެވޭ ފަތުގައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
އަދި އެކަމަށް ކަނޑައެޅިފައިވާ ޖަޒާ މާތް الله އޭނާ އަށް ދެއްވާނެ ކަމަށާއި އެކަމަށް ރައްކާތެރިވުމަށް ޚުތުބާގައި ހަނދާން ކޮށްދިނެވެ. އަދި ހެޔޮ ޢަމަލުކުރުން އިތުރުކުރުމަކީ، ގަޞްދަކާ ނުލައި ކުރެވޭ ފާފައިން މާތް الله އަޅަމެން ސަލާމަތް ކުރައްވާނެ ކަމެއް ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.
ޝަޢްބާން ފަދަ ދުވަސްވަރެއްގައި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދައްކަވާފައިވާ މަގުގައި ކަސިޔާރުނުވެ ހިފެހެއްޓޭތޯ ބެލުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށްވެސް ޙުތުބާގައި ބުނެފައިވެއެވެ.
އެކަލޭގެފާނުގެ ޢަމަލުފުޅުތަކަށް ތަބަޢަވުމަކީ އެކަމުން އަހުރެމެންނަށް ފައިދާއާއި މަންފާ ކުރާނެ ކަމެއް ކަމަށް މިއަދުގެ ޙުތުބާގައި ބުނެފައިވެއެވެ.






