ޤައުމީ އިނާމާއި ބެހޭ ކޮމިޓީގެ ޗެއަރޕާސަންއަކަށް ކަށިމާ އަޙްމަދު ޝާކިރު އައްޔަނުކުރައްވައިފިއެވެ.
ރައީސް ޑރ މުޙައްމަދު މުޢިއްޒު، ޤައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއަރޕަރސަންގެ މަގާމަށް އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރު ޢައްޔަން ކުރެއްވީ، ކޮމިޓީގެ ޗެއަރޕަރސަންގެ މަގާމުގައި ހުންނެވި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދު، ޞިއްޙީ ސަބަބުތަކަކަށްޓަކައި އިސްތިޢުފާ ހުށަހެޅުއްވުމާ ގުޅިގެންނެވެ.
އަނީސާ އަޙްމަދުގެ އިސްތިޢުފާ ގަބޫލުފުޅުކުރައްވައި، އެ ކަމަނާއަށް ރައީސް ފޮނުއްވި ސިޓީފުޅުގައި، ޤައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއަރޕަރސަންގެ ހައިސިއްޔަތުން ދިގު މުއްދަތެއްގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާ އެކުގައި ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށްޓަކައި އެ ކަމަނާއަށް ޝުކުރު އަދާކުރައްވާފައި ވެއެވެ.
މި ބަދަލުގެ އިތުރުން، ޤައުމީ އިނާމާބެހޭ ކޮމިޓީގެ މެންބަރު ކަމުގައި ހުންނެވި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މާފަންނު މަޚްމާވިލާ އިބްރާހީމް އިސްމާޢީލް ޢަލީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ކަމުގެ މަގާމަށް، 14 ޑިސެންބަރު 2023 ގައި ޢައްޔަން ކުރެއްވުމާ ގުޅިގެން، އިބްރާހީމް އިސްމާޢީލްގެ ބަދަލުގައި، އެކޮމިޓީގެ މެންބަރު ކަމަށް ރައީސް ވަނީ ބޭފުޅަކު ޢައްޔަންކުރައްވާފައެވެ.
އިސްމާއިލްގެ ބަދަލުގައި އެކޮމިޓީއަށް ހަމަޖައްސަވައިފައިވަނީ ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މައްޗަންގޮޅި ވިލުވެލި ބަދުރުއްނަޞީރެވެ.






