އައްޑޫ ސިޓީގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމަބަރުން ރައީސް ޑރ މުޙަައްމަދު މުޢިއްޒަށް ދެއްވީ އައްޑޫގެ ތަރައްޤީއަށް ކުރެވޭ ހުރިހާ ކަމެއްގައިވެސް ރައީސް މުޢިއްޒަށް އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން ދީފިއެވެ.
މިހާރު ރައީސް ޑރ މުޢިއްޒު ދެކުނުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ ސިޓީ އަށް ކުރެއްވި ޒިޔާރަތުގައި އެސިޓީގެ ކައުންސިލްގެ މެމްބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާއި ވަނީ ބައްދަލުކުރައްވައިފައެވެ.
މިބައްދަލުވުމުގައިސިޓީ ކައުންސިލުން ޞިއްޙީ ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާކަމަށާއި ބޭސް ލިބުމުގައި ކުރިމަތިވާ ދަތިތަކާއި، ފެނުގެ ޚިދުމަތާއި، އިންޖީނުގެއާއި ކަރަންޓު ވިއުގައާއި، ޕޯޓާއި ބައެއް ބަނދަރުތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ވަޞީލަތްތައް ތަރައްޤީކުރުމާއި، ވަޒީފާގެ ފުރުޞަތު ތަނަވަސް ކުރުމާއި އަދި ހުޅުދޫމީދޫގެ ބިންހިއްކުމުގެ މަސައްކަތް ހުއްޓިފައި އޮތުމާއި، މަގުހެދުމުގެ މަޝްރޫޢާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ރައީސް އަށް ހިއްސާކޮށްފައިވެއެވެ.
މީގެ އިތުރުން ދަނޑުވެރިންނާއި މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހިމެނޭހެން އައްޑޫސިޓީ އިޖުތިމާޢީ އަދި ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ގިނަ ކަންތައްތަކާ ގުޅޭގޮތުން ކައުންސިލްގެ މެންބަރުން ރައީސް ޑރ މުޢިއްޒާއި މަޝްވަރާކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަސް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ވަނީ އައްޑޫސިޓީގެ އިޖްތިމާޢީ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި އ ކޮމެޓީއަށް މާލީގޮތުން ކުރިމަތިވާ ގޮންޖެހުންތައް ޚާއްސަގޮތެއްގައި ފާހަގަކޮށްފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަންކަންކަމުގައި ވީއެންމެ ރަނގަޅަށް އެކަންކަމަށް ސަމާލުކަން ދެއްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ.
އަދި އެމަނިކުފާނުގެ ސަރުކާރުން އައްޑޫސިޓީގައި މަސައްކަތް ކޮށްދެއްވާނީ އެސިޓީގެ އިޤްތިޞާދީ ކުރިއެރުމަށް ކުރަންހުރި ކަންކަމަށް އިސްކަން ދެއްވައިގެންކަމުގައިވެސް ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.
އައްޑޫސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާ ކުރައްވައިގެން ކުރިއަށް ގެންދިއުމަށްވެސް ރައީސް ޑރ މުޢިއްޒު އެދިވަޑައިގެންނެވިއެވެ.






