މަޝްރޫޢުތައް ކުރިއަށް ގެންދާއިރު ލޯނެއް ނަގަން ޖެހިއްޖެނަމަ އެލޯނެއް ނަގާނީ ރައްޔިތުން މުއްސަނދިވާ ގޮތައް ކަމަށް ރައީސް
ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުއިއްޒު މިހެން ވިދާޅުވީ އައްޑޫ ސިޓީ އަށް ވަޑައިގެން އެސިޓީގެެ މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންނާއި ބައްދަލުކުރެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ޤައުމު އޮތީ ވަރަށްބޮޑު އަނދަވަޅަކަށް ވެއްޓިފައި ކަމަށެވެ. އެގޮތުން 120 ބިލިއަން ރުފިޔާއަށްވުރެ ބޮޑު ޢަދަދުގެ ދަރަނި އޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ މުޢިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުން ކޮންމެ އަހަރަކު އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ލޯނު ދިިޔައީ ނަގަމުން ކަމަށެވެ. އަދި މައްސަލައަކީ ލޯނު ނެގުން ނޫން ކަމަށާއި، ސަރުކާރުތައް ހިންގޭނީ މާލީ އެހީތެރިކަން ހޯދިގެން ކަމަށާއި، ރައްޔިތުންނަށް އޭގެ ލާބަޔާއި މަންފާ ލިބޭ ގޮތައް އެކަން ކުރުމަކީ އެހެން ކަމެއް ކަމަށް ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ލޯނު ނެގިފައިހުރީ އެގޮތަށް ނޫން ކަމަށާއި، ނެގުނު ލޯނުތަކުން ކުރާ މަސައްކަތް ތަކުން ރައްޔިތުންނަށް ކުރާ ފައިދާ ވަރަށް ކުޑަ ކަމަށެވެ.
މީގެއިތުރުން ރައީސް ވިދާޅު އޭރު ނެގުނު ލޯނުތަކުން ކުރަމުންދާ މަސައްކަތްތަކުން ރައްޔިތުންނަށް އެ މަޝްރޫޢުތަކުންވާ ފައިދާ ވަރަށްކުޑަކަަމަށެވެ.
“މިހެން މި ދެންނެވީ، މިސާލަކަށް ދަންނަވަންޏާ، ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު އެޅުނުއިރުގައި، މިސާލެއް ދަންނަވާއިރުގައި، އެ މަޝްރޫޢަކީވެސް އޭގެ ވަކި އިންސައްތައެއް ލޯނު އަދި ހިލޭ އެހީވެސް ވަރަށްބޮޑު އިންސައްތައެއް އޮތް ޕްރޮޖެކްޓެއް،، އެހެން ނަމަވެސް، އެ މަޝްރޫޢު ހިނގަމުންދިޔައިރުގައި، އެތައް ރައްޔިތުންނެއް ދިޔައީ މުއްސަނދިވެގެން. އޭގެ މެޓީރިއަލް ހޯދުން ކަމުގައިވިޔަސް، ލޮޖިސްޓިކަލް މަސައްކަތް ކަމުގައިވިޔަސް، އެ މަސައްކަތަށް އައިސް އުޅުނު މުވައްޒަފުންގެ ކާބޯތަކެތި ގަތުން ކަމުގައިވިޔަސް، ކުދިކުދި ކަންކަމުން ގޮސް އެކި ކަންކަމުގައި ރައްޔިތުންނަށް، ދިވެހިރާއްޖޭގެ އެކި ކުންފުނިތަކަށް އެކަމުގައި އުޅުމުގެ ފުރުޞަތު އޮތް މަޝްރޫޢެއް އެއީ” ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިދިޔަ ފަސް އަހަރެއްހާ ދުވަހު ނެގުނު ލޯނުތަކުގައި ސިޔާސަތު އޮތީ އެހެން ނޫންކަމަށާއި މޮހޮރެއްވިޔަސް ހޯދަން ޖެހެނީ ލޯނު ދޫކުރި ޤައުމުން ކަމަށެވެ.
ރައީސް ވިދާޅުވީ އެލޯނުތަކުންރާއްޖޭގެ އިޤްތިޞާދަށް ފައިދާނުވި ތާނގައި، ރައްޔިތުން މުއްސަންޖެއްވެސް ނުވި ކަމަށެވެ.
“އިރާދަކުރެއްވިއްޔާ، ކުރިއަށް ގެންދަންހުރި މަޝްރޫޢުތައް ކުރިއަށް ގެންދާއިރުގައި، ނަގަންޖެހޭ ލޯނެއްވިއްޔާ ނަގަމުންދާނީ، އެއްކަމަކަށް، މި ދެންނެވީ ރައްޔިތުން މުއްސަނދިވާ ގޮތަށް. ރައްޔިތުންނަށް، ރައްޔިތުންގެ ޖީބަށް އެއިން ފައިސާ ލިބޭގޮތަށް. ކުދި ވިޔަފާރިތަކާއި، މެދުފަންތީގެ ވިޔަފާރިތަކަށް އާރޯކަން އަންނާނެ ގޮތަށް ނަގާ ލޯނުތައް ނަގާނީ” ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ނަގާ ލޯނެއްވިއްޔާ، ނަގާނީ ދިގު މުއްދަތަށް ބަހާލައިގެން، ވީހާވެސް ލުއިގޮތަކަށް ކަމަށެވެ.
ރައީސް ދެކުނުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގައި ސަރުކާރުގެ ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގަނެއެވެ.






