Close

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން އެމެރިކާއިން އުޅަނދުތަކެއް!

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތްތެރިކަން ބެލެހެއްޓުމަށް އެމެރިކާއިން ކަނޑުމަތީ އުޅަނދުތަކެއް ދިނުމަށް މަޝްވަރާކުރަމުން ދާކަމަށް އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮ ސައުތު އެންޑް ސެންޓްރަލް އޭޝިއަން ‌އެފެއާޒް ޑޮނަލްޑް ލޫ ވިދާޅުވެއްޖެ އެވެ.

ޑޮނަލްޑް ލޫ މިހެން ވިދާޅުވީ ޔުނައިޓެޑް ސްޓޭޓްސް އިންސްޓިޓިއުޓް ފޯ ޕީސް (ޔޫއެސްއައިޕީ) ގައި މިދިޔަ ހުކުރު ދުވަހު ބޭއްވި އިންޑޯ-ޕެސިފިކް ގުޅުމާ ބެހޭ ޕެނަލް ޑިސްކަޝަން ގައެވެ.

ލޫ ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމެއް ކަމަށެވެ. ނަމަވެސް ރާއްޖެއިން ބަލަހައްޓާ ކަނޑުގެ ސަރަހައްދުގެ ބޮޑުމިން 53،000 ކިލޯމީޓަރަށް އަރާ ކަމަށް ލޫ ވިދާޅުވެފައިވެއެވެ. އެހެންކަމުން އެ ބިޔަ ސަރަހައްދު ބެލުމަށް ރާއްޖެއަށް އެހީވާންޖެހޭ ކަމަށް ދެކިލައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ލޫ އިތުރަށް ވިދާޅުވީ އެފަދަ ބޮޑު ސަރަހައްދެއް ބެލެހެއްޓޭނީ ޓެކްނޮލޮޖީ އާއި ތަމްރީނާއި ވަސީލަތްތައް ލިބިގެން ކަމަށްވާއިރު، ދުނިޔޭގެ ބޮޑެތި ގައުމުތަކުން ރާއްޖެ އަށް އެ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށެވެ.

އެހެންކަމުން ރާއްޖެއަށް ހަތަރު ޕެޓްރޯލް ބޯޓާއި, އެއާކްރާފްޓެއް ދިނުމުގެ މަޝްވަރާ ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ލޫ މިހެން ވިދާޅުވެފައިވާއިރު، ދާދިފަހުން އޭނާ ވަނީ ރާއްޖެއަށް ވަޑައިގެން ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒާއިއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަވާފައެވެ.

އެ ބައްދަލުވުމުގައި އިންޑިޔާ ކަނޑުގެ ސަލާމަތާ ގުޅޭ ކަންކަމުގައި އެމެރިކާގެ އެއްބާރުލުން އިތުރުކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަން ރައީސް އޮފީހުން ވެސް ފާހަގަކޮށްފައިވެއެވެ.

ބޭރުގެ ގައުމުތަކަށް ބަރޯސާނުވެ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓޭނެ ގާބިލުކަން އިތުރުކުރައްވާނެ ކަމަށާއި، އެމްއެންޑީއެފަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވަމުން އަންނަކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top