Close

އައްޑޫސިޓީ ހިތަދޫ-ހުޅުދޫ މީދޫ ގުޅުވައިދޭ ބްރިޖްގެ ސަރވޭ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި!

އައްޑޫސިޓީ ހިތަދޫ އާއި ހުޅުދޫ މީދޫ ގުޅުވައިދޭ ބްރިޖްގެ ސަރވޭ ކުރުމުގެ އެއްބަސްވުމުގައި މިޞްރުގެ ކުންފުންޏަކާއި އެކު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

މިރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ ރައީސް ޑރ މުއިއްޒު މިހާރު އައްޑޫސިޓީ އާއި، ފުވައްމުލައް ސީޓީ އާއި، ގއ އަދި ގދ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހުޅުދޫ މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

އައްޑޫ ސިޓީގެ ހުޅުދޫ މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ބްރިޖަކީ ރާއްޖޭގައި އަޅާ އެންމެދިގު އަދި އެންމެ ބޮޑު ބްރިޖަށް ވާނެކަމުގައެވެ. ހަމަ އެހެންމެ މިއަހަރުގެ ތެރޭގައި މަސައްކަތްފަށައި، އެންމެ ގިނަވެގެން ހަތަރު އަހަރުގެ ތެރޭގައި ބްރިޖުގެ މަސައްކަތް ނިމިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އެމަނިކުފާނު އެދިވަޑައިގަންނަވަނީ ބްރިޖާއެކު އައްޑޫ ސިޓީގެ އިޤުތިޞާދަށް ކުރިއެރުން ލިބިގެންދިއުން ކަމުގައިވެސް ރައީސްވިދާޅުވިއެވެ.އައްޑޫސިޓީގެ ހިތަދޫއާއި ހުޅުދޫ މީދޫ ގުޅުވައިދޭ ބްރިޖު މަޝްރޫޢުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސަރވޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ ދަ ޢަރަބް ކޮންޓްރެކްޓަރސް އާއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބެވެ. ދަ ޢަރަބް ކޮންޓްރެކްޓަރސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ބޯޑު މެންބަރު، އިންޖިނިއަރ ހެބާ އަޙްމަދު އަބޫ ލައިލާ އެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top