ފުވައްމުލަކު ސިޓީއަށް މިވަގުތު އެެންމެ މުހިންމު ކަންކަން އެސިޓީގެ ކައުންސިލުން ރައީސް ޑރ މުޙައްމަދު މުޢިއްޒަށް ހިއްސާކުރައްވައިފިއެވެ.
ޑރ މުޢިއްޒު މިހާރު ދެކުނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފުވައްމުލަކު ސިޓީ އަށް ވަޑައިގެން އެސިޓީގެ ކައުންސިލްގެ މެމްބަރުންނާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާއި ވަނީ ބައްދަލުކުރައްވައިފައެވެ.
މިބައްދަލުވުމުގައި ފުވައްމުލަކުު ސިޓީގެ ތަރައްޤީއަށް މިވަގުތައް ބޭނުންވާ އެންމެ މުހިންމު ކަންކަން ވަނީ ހިއްސާ ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިއަދު ފެށުމާއެކު އެ މަސައްކަތް މެދުނުކެނޑި ކުރިއަށްގެންދިއުމާއި ދެންހުރި މަގުތައްވެސް ހެދުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
އަދި ފުވައްމުލައް ސިޓީގައި ތަރައްޤީކުރާ 400 ހައުސިންގ ޔުނިޓުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށިގެން ދިއުމަށް އެދޭކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
ސިޓީ ކައުންސިލުން ފާހަގަކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި ބަނދަރުގެ ޖާގައިގެ ދަތިކަމާއި، އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމާއި، އިންޖީނުގޭގެ ކެޕޭސިޓީ އިތުރުކުރުމާއި، މަސް ރައްކާކުރާ ނިޒާމުގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމާއި، އައު ހޮސްޕިޓަލެއް އެޅުމާއި، މިހާރު ހުރި ހޮސްޕިޓަލުގައި ނުފެށި ހުރި މަތީ ފެންވަރުގެ ޚިދުމަތްތައް ފެށިގެންދިއުމަށް އެދިވަޑައިގަތުން ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުންވަނީ އެކޮމިޓީގެ މެންބަރުންނަށް ފާހަގަކުރެވޭ މުހިންމު ކަންކަންވެސް ރައީސް ޑރ މުޢިއްޒާއި ވަނީ ހިއްސާ ކުރައްވާފައެވެ.މިބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ އެމަނިކުފާނު ވަޢުދު ވެވަޑައިގެންނެވި ފަދައިން ފުވައްމުލައް ސިޓީގެ ހުރިހާ މަގުތަކެއްވެސް ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.
އަދި މީގެ އިތުރުން ކަރަންޓުގެ މައްސަލައާއި އަދި ފާހަގަކުރެއްވި އެހެން މައްސަލަތަކަށް ސަމާލުކަން ދެއްވައިގެން އެކަންކަން ހައްލުކޮށްދެއްވާނެކަމަށާއި، ޚާއްސަކޮށް އެމަނިކުފާނު ފުވައްމުލައް ސިޓީއަށް ވަޢުދުވެވަޑައިގަންނަވާފައިވާ ކަންކަން ފުރިހަމަ ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ މުޢިއްޒު ދެއްވިއެވެ.






