ފުވައްމުލަކު ބަނދަރު ބޮޑުކޮށް ތަރައްޤީކުރާނީ ރައްޔިތުން އެދޭ ގޮތައް ކަމަށް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުޢިއްޒު މިހެން ވިދާޅުވީ ފުވައްމުލަކު ސިޓީއަށް ވަޑައިގެން އެ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޑރ މުޢިއްޒު ވިދާޅުވީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު މޫދަށް އެރޭނެ 3 ސަރަޙައްދެއް ތަރައްޤީ ކޮށްދެއްވާނެ ކަމަށާއި އަދި ބަނދަރު ބޮޑުކޮށް އަލުން ތަރައްޤީ ކުރާނީ ރައްޔިތުން އެދޭ ގޮތަށް ގިނަ ބޭނުންތަކަށް ފުދޭ ބަނދަރެއްގެ ގޮތުގައި ކަމަށެވެ.
ފުވައްމުލައް ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވައި ރައީސް ޑރ މުޢިއްޒު ވިދާޅުވީ އެ މަސައްކަތަކީ ރާއްޖޭގެ ހުރިހާ ސިޓީތަކުގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ ފެށުންކަމުގައެވެ.
ފުވައްމުލައް ސިޓީގައި އިއްޔެ ޢަމަލީ މަސައްކަތް ފެށްޓެވި މަޝްރޫޢުގެ ދަށުން ޖުމްލަ 12 ކިލޯމީޓަރުގެ މަގު ހަދާނެއެވެ.މީގެ އިތުރުން ކައުންސިލްތަކަށް ފަޅުރަށް ލިބޭގޮތަށް ގެންނެވި ބަދަލާއެކު ފުވައްމުލައް ސިޓީއަށް އިޤުތިޞާދީ މަންފާ ލިބޭގޮތަށް ފަޅުރަށެއް ހޯދުމުގައި އެއްބާރުލުންދީ ސީދާ ސަރުކާރުން އެކަމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައިވެސް ރައީސް ޑރ މުޢިއްޒު ވަނީ ވިދާޅުވެފައެވެ.







