އިންތިޚާބަކާއި ނުލައި ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިދިކޮޅު އެމްޑީޕީގެ ރައީސް ކަމަށް އިންތިޚާބުވެއްޖެއެވެ.
އެމްޑީޕީގެ ރައީސް ކަމުގެ މަޤާމަށް ކުރިމަތިލުމަސް އެޕާޓީ އިން ހުޅުވާލި ފުރުސަތުގައި އެޕާޓީގެ ރައީސްގެ މަޤާމަށް ކުރިމަތިލައްވައިފައިވަނީ ޝާހިދު އެކަންޏެވެ.
މިކަން އިޢުލާނުކޮށް، މިއަދު އެމްޑީޕީން ބުނީ، އެޕާޓީގެ ރައީސްކަމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުހަމަވިއިރު، އެމަޤާމަށް ކުރިމަތިލާފައިވަނީ ހަމައެކަނި ޝާހިދު ކަމަށް ވުމުން، އެއްވެސް އިންތިޚާބަކާއިނުލާ އޭނާ އެ މަގާމަށް ހޮވިފައިވާކަމަށެވެ.
އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލައްވައި އެކަން އިޢްލާނުކުރައްވައި ޝާހިދު ވިދާޅުވެފައިވަނީ އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލީ އައު ފޯރިޔަކާއި އައު ޖޯޝަކާއި އެކު، އާބާރެއްގައި އެމްޑީޕީ ނިކުމެ ރައްޔިތުން އެދޭ މިސްރާބަށް ރަާއްޖެ އަލުން ގެންދިޔުމަށް ކަމަަށެވެ.
އެމްޑީޕީގެ ރައީސްގެ މަޤާމު ހުސްވެފައިވަނީ ކުރިން އެޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޕާޓީ އިން ވަކިވެވަޑައިގެން ޕާޓީގެ ރައީސް ކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެނެވެ.
ރައީސް ނަޝީދު އެމްޑީޕީ އިން ވަކިވެވަޑައިގެންފައިވަނީ ޕަޓީގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުން ތަކުގެ ތެރެއިންނެވެ.
އެމްޑިޕީގެ ރައީސްގެ މަޤާމު މިވަގުތު ފުރުއްވަމުން ގެންދަވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ.






