ރައްޔިތުން ކުރެްވި އިތުބާރު ދަމަހައްޓައި، ގދ ތިނަދޫ ސިޓީ ފުރިހަމަ ސިޓީ އަކަށް ހަދައިދޭނެ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުއިއްޒު މިހެން ވިދާޅުވީ ގދ ތިނަދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
“އަޅުގަނޑު ދޭނެ ޔަޤީންކަމަކީ، ތިޔަބޭފުޅުން އަޅުގަނޑަށް ކުރެއްވި އިތުބާރު އަޅުގަނޑު ދަމަހައްޓާނަމޭ، ތިނަދޫގެ މި ސިޓީ ޙަޤީޤީ ފުރިހަމަ ސިޓީއަކަށް އިރާދަކުރެއްވިއްޔާ ހަދައިދޭނަން، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި، މެނިފެސްޓޯ އިޢުލާނުކުރި ދުވަހު އިޢުލާނުކުރި ޕޮލިސީ ސިޔާސަތު އެގޮތުގައި ދަމަހައްޓަމުން މިދަނީ، އަދި އިރާދަކުރެއްވިއްޔާ ދާނީވެސް އެގޮތުގައި” ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.
ތިނަދޫގައި ހުންވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ތިނަދޫ ހިމެނޭ ސަރަޙައްދުގެ ސަރަޙައްދީ ތަރައްޤީ ހާސިލު ކުރުމުގައި އެމަނިކުފާނު ހުށަހެޅުއްވީ ރާއްޖޭގައި އެންމެ އުތުރުން ސަރަޙައްދީ ތަރައްޤީގެ ޑިވެލޮޕްމަންޓް ޒޯނެއް ކަނޑައަޅައި، އެންމެ ދެކުނުންވެސް އެގޮތަށް 4 އަތޮޅު، ކޮންމެ ކޮޅަކުން ހިމެނޭގޮތަށް، ތަރައްޤީގެ ޑިވެލޮޕްމަންޓް ޒޯނެއް ކަނޑައަޅައި، އޭގެއިތުރަށް، މުހިންމު އެކިއެކި ސަރަޙައްދުތަކަކަށް ބަހާލައި، 7 ސަރަޙައްދެއްގައި އަރބަން ސެންޓަރުތަކެއް ހަދުމަށް ކަމަށެވެ.
އަދި ދެންހުރި ރަށްތަކަށްވެސް ބޭނުންވާ ހުރިހާ ފެސިލިޓީޒެއް، އެ ރަށެއްގެ އާބާދީގެ ނިސްބަތުން ފޯރުކޮށްދެވޭނެ ކަމަށެވެ. އެގޮތުން ބަލާއިރުގައި، މި ސަރަޙައްދުގެ ތަރައްޤީގެ ޑިވެލޮޕްމަންޓް ޒޯނުގައި، މި ސިޓީއަކީ އެ ނާރެސް، އެ ސަރަޙައްދީ ތަރައްޤީގެ މި ޑިވެލޮޕްމަންޓް ޒޯނުގެ ވަރަށް މުހިންމު އެއް ނާރެހެއް ކަމަށް ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.
“އެހެންވީމާ، މި ސިޓީ ތަރައްޤީ ކުރުމުގައި ދޭންޖެހޭ ފުރިހަމަ އިސްކަން އެގޮތުގައި ދޭނެކަން އަޅުގަނޑު މިރޭ ވަރަށް ޔަޤީންކަމާ އެކީގައި ތިޔަބޭފުޅުންނަށް ދަންނަވަން. އޭގެ ސަބަބުން ތަރައްޤީ ލިބިގެންދަނީ ހަމައެކަނި ތިޔަ ލޮބުވެތި ރައްޔިތުންނަށް އެކަންޏެއް ނޫން. މި އަތޮޅަށްވެސް އަދި މުޅި މި ސަރަޙައްދަށްވެސް އޭގެ ތަރައްޤީ އާދޭ” ރައީސް މުޢިއްޒި ވިދާޅުވިއެވެ.
ދެކުނުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް މުޢިއްޒު މިއަދު ދަނީ ގއ އަށް ދަތުރުކުރައްވަމުންނެވެ.






