ރައްޔިތުން އިންތިޚާބު ކޮށްފައިވާ މީހުން ސިޔާސީ ފިކުރުން އެއްކިބާވެ ހަމަހަމަކަން އިސްކުރަން ޖެހޭ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ދެކުނުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ އަތޮޅުގެ ގައްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޑރ މުޢިއްޒު ވިދާޅުވީ ރަށްރަށަށް ކުރައްވަމުން ގެެންދަވާ ދަތުރުފުޅުތަކުގައި ވަރަށް ގިނަ ކައުންސިލްތަކާއި ބައްދަލުކުރެވިއްޖެ ކަމަށެވެ. އަދި އިދިކޮޅު ޕާޓީގެ ކައުންސިލަރުންނާއި މޭޔަރުންގެ ފަރާތުންވެސް އެއްބާރުލުން ލިބިގެން ދިޔަ ކަމަށެވެ.
މީގެއިތުރުން އިދިކޮޅު ޕާޓީގެ ކައުންސިލަރުންނާއި ކައުންސިލް ރައީސުންވެސް ރައީސް އާއި އެކު ބޭއްވުނު ބައްދަލުވުންތަކުގައި ބައިވެރިވެ އެއްބާރުލުން ދީފައިވާ ކަމަށެވެ. ރަށުގެ ތަރައްްޤީއަށް ބޭނުންވާ ކަންކަމުގެ ވާހަކަތައް ހިއްސާކިރައްވައިފައިވާ ކަމަށެވެ.
“އެއީ، އެކަންކަން ވާންޖެހޭނެ ގޮތަކީ. އިންތިޚާބުގެ ތެރޭގައި އޮންނަންޖެހޭ ވާދަވެރިކަމެއް، ސިޔާސީގޮތުން އޮންނާނެ. އޮވެގެން، ވާދަކޮށްގެން އިންތިޚާބެއް ކާމިޔާބުވަނީ. ކޮށްގެން އެ ހިސާބުން ދެން މި ހަވާލުވަނީ، އިންތިޚާބުގައި ވޯޓުދިން މީހުންނަށާއި، ވޯޓު ނުދޭ މީހުންނަށާއި އެންމެންނަށް ޚިދުމަތް ކުރުމުގެ ޒިންމާއާ. އެ މީހަކު އެ ނިސްބަތްވާ ޕާޓީއަކަށް ބެލުމެއްނެތި، ހަމަހަމަކަމާ އެކީގައި، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ޒިންމާޔާ، ހުވައެއް ކޮށްގެން މި ހަވާލުވަނީ. އަޅުގަނޑުވެސް އެ ހުވާކުރީ. ކައުންސިލަރުންވެސް އެ ހުވާކުރަނީ” ރައީސް ޑރ މުއިއްޒުި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގައްދޫ އިން ފެނުނު މަންޒަރާއި މެދުގައި ހިތާމަ ކުރައްވާ ކަމަށާއި، އެއީ ލާމަރުކަޒީ ނިޒާމެއް ހިންގުމުގައި ކަން ކޮށްގެންވާނެ ގޮތް ނޫން ކަމަށެވެ.
“އެއަށްވުރެ އަޅުގަނޑުމެން ވާންޖެހޭނެ ޒިންމާދާރު ބަޔަކަށް. ރައްޔިތުން އިންތިޚާބެއްގައި މީހަކު ހޮވާއިރުގައި، އެ ހަވާލުކުރާ ޒިންމާ އަދާކުރުމުގައި، ތެދުވެރިކަމާއި އަމާނާތްތެރިކަން އިސްކޮށް، ހަމަހަމަކަން އިސްކުރަންޖެހޭނެ. ސިޔާސީ ފިކުރާއި، ސިޔާސީ ވިސްނުމަކީ، ދޭތެރެ މެދުން ހުރަހަކަށްވާންޖެހޭ ކަމަކަށް ހަދައިގެން ނުވާނެ” ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މިގޮތައް ވާހަކަދައްކަވައި ފައި މިވަނީ ގައްދޫ އަށް ވަޑައިގަނެ ބޭއްވި ބައްދަލުވުމަށް އެރަށުގެ ކައުންސިލްގެ އެމްޑީޕީ މެމްބަރުން ހާޒިރުވެފައިނުވާތީއެވެ.






