މޮސްކް މެނޭޖްމަންޓް ޕޯޓަލް މިއަދު އިފްތިތާޙް ކޮށްފިއެވެ.
މި ޕޯޓަލް އަކީ މިސްކިތްތަކުގެ ޙާލަތު މެދުނުކެނޑި ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ ސިޔާސަތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގެ 6.3 ގައި ބަޔާންކުރައްވާފައިވާ އަދި މީގެ ދަށުން ހަފްތާ 14 ގައި ނިންމުމަށް ހަމަޖެހިފައިވާ ޕޯޓަލް އެކެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފްތިތާހްކޮށްދެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާރޒް ޑރ. މުޙައްމަދު ޝުޖާޢު އަބްދުލް ހަކީމްއެވެ.
މި ޕޯޓަލްގެ އެހީގައި އިމާމުން މެދުވެރިކޮށް މިސްކިތްތަކުގެ ޙާލަތު ބަރާބަރަށް ކޮންމެ ހަފްތާއަކުވެސް ބެލޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި އެއާއެކު މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތުގެ އެންމެހައި ޒިންމާތައް މަތިކުރެވިފައިވާ ކައުންސިލްތަކަށް އެ މައްސަލަތައް ވަގުތުން ރިޕޯޓުކުރެވިގެންދާނެ ކަަމަށް އިސްލާމީ ވުޒާރާއިން ބުނެފައިވެއެވެ.
އަދި މިސްކިތްތަކާ ބެހޭ ގޮތުން ރިޕޯޓުކުރެވޭ އެކިއެކި މައްސަލަތައް ވަގުތުން ހައްލުކުރުމަށް، ކައުންސިލްތަކަށް ބާރު އެޅުމަށްޓަކައި، ކައުންސިލްތަކާ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ދެމެދު ފަސޭހައިން މައުލޫމާތު ބަދަލުކުރެވޭނެ އިންތިޒާމުވެސް މި ޕޯޓަލް ޒަރީޢާއިން ހަމަޖެހިގެންދާނެ ކަމަށްެވެސް އިސްލާމީ ވުޒާރާއިން ބުނެފައިވެއެވެ.






