“ރައްޔިތުންގެ އަޑު” ޕޯޓަލް ރައީސް ޑރ މުޙައްމަދު މުއިއްޒި އިފްތިތާޙް ކޮށްދެއްވައިފިއެވެ.
“ރައްޔުތުންގެ އަޑު” ޕޯޓަލް އަކީ ރައްޔިތުންގެ އަޑު އައްސަވައިގެން، ރައްޔިތުންނާ ގާތުން މަސައްކަތް ކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން، ރައްޔިތުން ބޭނުންވާ ޚިޔާލާއި ޝަކުވާ ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅޭގޮތަށް ފަރުމާކޮށްފައިވާ ޚާއްޞަ ޕޯޓަލްއެކެވެ.
މިޕޯޓަލް ރައީސް ޑރ މުޢިއްޒު އިފްތިތާޙް ކޮށްދެއްވައިފައިވަނީ ރޭ ސަލްޓަން ޕާކުގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށްދިޔަ 'އަހާ' ސިލްސިލާގެ ދެވަނަ ފޯރަމްގެ ތެރޭގައެވެ.
"”ރައްޔިތުންގެ އަޑު" ޕޯޓަލްއަކީ، މި ހިނގާ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން، ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާނު ކުރެއްވި މަސައްކަތެކެވެ.
"ރައްޔިތުންގެ އަޑު" ޕޯޓަލް އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި މަސައްކަތްކުރައްވާއިރު، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށް މަގުފަހިކުރަން ޖެހޭނެކަމަށް ޤަބޫލުފުޅު ކުރައްވާކަމުގައެވެ.
އަދި އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވަނީ، ދެފުށް ފެންނަ ޖަވާބުދާރީވާ ސަރުކާރެއް ޤާއިމުކުރަންކަމަށާއި، ކަންކަން ވާނުވާގައި އޮތުމަކީ އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ހަމައެއް ނޫންކަމުގައި ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ ރައްޔިތުންނަށް މި ޕޯޓަލް ބޭނުންކޮށް ލިބުނު ފުރުޞަތުގެ ބޭނުން ހިފުމަށް ބާރުއަޅުއްވައި، މި ސަރުކާރުން މަސައްކަތްކުރައްވާނީ ރައްޔިތުންގެ އަމާޒަށް ވާސިލުވުމަށްކަމުގައި ވިދާޅުވެފައެވެ.






