Close

ވޯޓުދީގެން މަޖިލީހަށް ބޭފުޅުންނަކީ ތަރައްޤީގެ މަސައްކަތް ތަކަށް އެއްބާރުލުންދޭ ބަޔަކަށް ހެދުން މުހިންމު!

ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް

ރައްޔިތިުން ވޯޓުދީގެން މަޖިލީހަށް އިންތިޚާބު ކުރާ ބޭފުޅުންނަކީ ރައްޔިތުންގެ ހައްޤުގައި ތަރައްޤީގެ މަޝްރޫޢުތަކަށް އެއްބާރުލުންދޭ ބަޔަކަށް ހެދުން މުހިންމު ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްެޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ހއ،ހދ، ށ އަދި ނ އަތޮޅަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ ހޯރަފުށްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނާއި އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރައްވާނީ ވީ ވަޢުދެއް ވިއްޔާ ފުއްދަވަން ކަމަށެވެ. އަދި އެމަނިކުފާނާއި ޓީމުގެ ޢަޒުމަކީވެސް އެއީ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ތަރައްޤީގެ މަސައްކަތްތަކަށްް އެއްވެސްކަހަލަ ހުރަހެއް ކުރިމަތިނުވެ ބާރު ސްޕީޑްގައިކުރިއަށް ގެންދިޔުމަށް ކަމަށެވެ.

އަދި އެކަމަށް އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާނީ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށާއި އެއީ، ދުސްތޫރީ ނިޒާމު، ރާއްޖޭގެ ޤާނޫނުއަސާސީ ބައްޓަންވެފައި އޮތް ގޮތުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރަކުން ކިތަންމެ ބޮޑު މަޝްރޫޢެއް ހިންގަން ބޭނުންވިޔަސް، ޤާނޫނެއް ހަދައިގެންވިޔަސް، ޤާނޫނަކަށް ބަދަލެއް ގެނެސްގެންވިޔަސް، އަދި އެނޫން ގޮތަކުންވިޔަސް ރައްޔިތުންގެ މަޖިލީހަށް ހުއްޓުވޭނެ ކަމަށް ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.

މިދިޔަ ތިންމަސް ތެރޭގައިވެސް އެކަން ރައްޔިތުނަށް ފެނިގެން ގޮސްފައިވާނެ ކަމަށާއި، އެތައް މަސައްކަތްތަކެއް، ވެފައި ހުރި ވަޢުދުތައް ފުއްދުމަށް ޕްލޭނެއް ހަދައިގެން، 14 ހަފްތާއަށް ކަނޑައެޅި ޕްލޭންގެ ތެރެއިންވެސް ހަމަ ކުރަމުން ކުރަމުން ދަނިކޮށް، އެއްވެސް އަސާސެއްނެތި އެތައް ހުރަސްތަކެއް ސަރުކާރު ހިންގުމަށް ކުރިމަތިކުރަމުންދާތަން ރައްޔތިުިންނަށް ފެނިގެން ދާނެ ކަމަށެވެ.

“އެހެންވީމާ، އެއީ، ރައްޔިތުންގެ މަޖިލީހުގެ ބާރު، ދުސްތޫރުގައި ކަނޑައެޅިފައި އޮތީމަ އޮތްގޮތް. އެހެންވީމާ، އެތަނަށް ހޮވާ ބޭފުޅުންނަކީ، ތިޔަބޭފުޅުންގެ ޙައްޤުގައި މި ކުރަން ހުރި މަސައްކަތްތަކަށް އެހީތެރިކަންދޭ، މަގުފަހިކޮށްދޭ ފަރާތްތަކަކަށް ހެދުމަކީ، ޤައުމީ ވިސްނުމެއްގައިވެސް، ތަރައްޤީގެ ވިސްނުމެއްގައިވެސް، ފަރުދީ ވިސްނުމެއްގައިވެސް، ރަށު ފެންވަރުގެ ވިސްނުމުގައިވެސް ވަރަށް މުހިންމު ކަމެއް” ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ރައްޔިތުންނަށް ދެއްވާ ޔަޤީން ކަމަކީ ރައްޔިތުންނަށްޓަކައި ވީ ހުރިހާ ވަޢުދެއް ފުއްދައިދޭނެ ކަމުގެ ޔަޤީން ކަން ކަމަށެވެ. އަދި އެވަޢުދުތައް ފުއްދުމުގައި ރައްޔިތުންގެ އެހީތެރިކަން ވަރަށް ބޮޑަށް އެބަ ބޭނުންވާ ކަމަށެވެ. އަދި އެކަމަށް ރައްޔިތުންގެ ކިބައިން އެދެނީ ރައްޔިތުންގެ މަޖިލީހުގައި ކަންކަމަށް ހުރަސް އެޅުމުގެ ބާރާއި ދައުރު އޮންނާތީ ކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top