މާލެ ސަރަހައްދުގައި ކުނި އުކާލުމަށް އަންނަ އަމިއްލަ ފަރާތްތަކުގެ އުޅަނދުތަކުން ނަގާ ފީ ކުޑަކުރުމަށް ނިންމައިފި ކަމަށް ވޭސްޓް މޭނޭޖްމަންޓް ކޯޕަރޭޝަން އިން ބުނެފިއެވެ.
ވެމްކޯއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މާރިޗު 1 އިން ފެށިގެން، މާލެ، ވިލިމާލެ އަދި ހުޅުމާލެ އިން ކުނި އުކާލަން އަންނަ ފަރާތްތަކުގެ އުޅަނދު ތަކުން ނަގާ ފީ އަށް ބަދަލު ގެނައުމަށް ނިންމާފައިވާކަމަށެވެ.
މީގެ ކުރިން ވެމްކޯއިން އާންމު ފަރާތުން ކުނި ގެންނަ އުޅަނދުގެ ޓަނަކަށް 1،060 ރުފިޔާ ޗާޖު ކުރަމުން އައިނަމަވެސް މިގެނައި ބަދަލާއި އެކު، ޗާޖު ކުރާނީ 750 ރުފިޔާއެވެ.
އަދި ަމާލެ ސަރަހައްދުގައި ކުނި އުކާލުމުގެ ޚިދުމަތްތައް ފެސިލިޓީތަކަށް އަންނަ އާންމުންނާއި ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮންމެ އުޅަނދަކަށް ހިދުމަތުގެ އަގެއްގެ ގޮތުގައި ވަންނަ ކޮންމެ ފަހަރަކު 150 ރުފިޔާ ޗާޖު ކުރުމަށް ވެސް ވަނީ ނިންމާފައެވެ.
ވެމްކޯ އިން އަގަށް މި ގެނައި ބަދަލާއި އެކު މާލެ ސަރަހައްދުގައި ވެއި ބްރިޖް ގާއިމުވެފައިވާ ފެސިލިޓީތަކަށް ކުނި ގެނައުމުން އާންމުން ގެ ފަރާތުން އަންނަ އުޅަނދަށް ޗާޖު ކުރާނީ ގެންނަ ކުނީގެ ބަރުދަނަށް ބަލައި، ޓަނަކަށް 750 ރުފިޔާއެވެ. އަދި މިފަދަ ފެސިލިޓީތަކަށް އަންނަ އާންމުންނާއި ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުނި ގެނައުމުން ގެންނަ ކުނީގެ ބަރުދަނަށް ބަލައި، ޓަނަކަށް 2،660 ރުފިޔާ ވެމްކޯ އިން ޗާޖު ކުރާނެއެވެ.
އެހެންނަމަވެސް ވެމްކޯއިން ބުނީ ވެއި ބްރިޖް ގާއިމުވެފައިނުވާ ފެސިލިޓީތަކުން 750 ރުފިޔާގެ މަގުން އުޅަނދުގެ ރަޖިސްޓާޑް ޓަނަކަށް އާންމުންނަށް ޗާޖު ކުރަމުންގެންދާނެ ކަމަށެވެ.






