ސަރުކާރާއި އެއްކޮޅަށް ތިބި މެމްބަރުން ހޮވުމަކީ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތް ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުޢިއްޒު މިހެން ވިދާޅުވީ މިހާރު ރައީސް ރާއްޖޭގެ އެކި ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުިފުޅުގައި ހއ ވަށަފަރަށް ކުރެއްވެވި ޒިޔާރާތުގައި އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި، ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަން ލިބުމާއި ނުލިބުމަކީ، ވަރަށްބޮޑު ތަފާތެއް އަންނަ ކަމެއް ކަމަށެވެ.
ރައްޔިތުންނަށް އޭގައި ކުރިއެރުމާއި، ކުރިއެރުން ނުލިބުމާ ބިނާވަނީ، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެންބަރުން ކަންކަން ނިންމަވާ ގޮތަކަށް ކަމަށެވެ.
“އެހެންވީމާ، ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލިސް ތެރެއިން ރައްޔިތުންގެ ޙައްޤުގައި ސަރުކާރަށް މަސައްކަތް ކޮށްދޭނެ، ސަރުކާރުގެ ވިސްނުމުގައި ތިބި މެންބަރުންތަކެއް، ތިޔަބޭފުޅުން، ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ހޮވުމަކީ، އަޅުގަނޑު ހަމަ ޔަޤީންކުރަން ރައްޔިތުންނަށް އެންމެ ފައިދާވާނެގޮތް. އެކަމަށް އަޅުގަނޑު ހަމަ އިލްތިމާސް ކުރަން” ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.
ވަށަފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި އެކު ބޭއްވެވި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ކަންކަން ހިއްސާކުރައްވައިފައިވެއެވެ.
އެގޮތުން އެރަށުގެ ސިއްޚީ މަރުކަޒުގައި ލެބޯޓަރީ އެއް ޤާއިމް ކުރުމާއި ކުނި މެނޭޖް ކުރާނެ ސެންޓަރެއް ހަދައިދިނުމާއި، އެރަށުގެ ސްކޫލަށް ބޭނުންވާ މަލްޓި ޕާޕަސް ހޯލް ހެދުން އަދި އެރަށުގައި ފަށައިފައިހުރި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.






