ހއ ކެލާގެ ދަނޑުވެރިނަށް އޮތީ އުފާވެރިން ކަމަށާއި ދަނޑުވެރިކަމާއި ބެހޭ ވުޒާރަ މެދުވެރިކޮށް އެރަށުގެ ދަނޑުވެރިންނަށް ގިނަ ކަންތައްތަކެއް ފަހިކޮށްދެއްވާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުޢިއްޒު މިހެން ވިދާޅުވީ ހއ ކެލައަށް ކުރެއްވެވި ޒިޔާރަތުގައި އެރަށުގެ ރައްޔިތިުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީށް ޑރ މުޢިއްޒު ވިދާޅުވީ ކެލާ އަކީ ދަނޑުވެރިކަން ވަރަށް ރަނގަޅަށް ކުރާ ރަށެއް ކަމަށެވެ. އަދި ދަނޑުވެރިކަމަށް ބޭނުންވާ ވަސީލަތްތައް އެރަށަށް ފޯރުކޮށްދޭންޖެހޭ ކަމަށެވެ.
އިންތިޚާބުގެ ކެމްޕޭނު ތެރޭގައި ވެސް އެމަނިކުފަނު އެވާހަކަ ދެއްކެވި ކަމަށާއި އެރަށު ކައުންސިލާއި އެކު ބޭއްވުނު ބައްދަލުވުމުގައިވެސް އެވާހަކަ ދެކެވުނު ކަމަށެވެ.
ދަނޑުވެރިކަން އިތުރަށް ކުރިއަރުވަން، އެހެން ހަރުފަތަކަށް ގެންދިޔުމަށް ގިނަ ކަންކަން ކުރަންޖެހޭ ކަމަށާއި، އެހެންވީމާ، އެ ސަރަޙައްދަށް ޔޫޓިލިޓީޒް ޤާއިމުކޮށްދިނުން ހިމެނޭ ކަމަށް ވެސް ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ދަނޑުވެރިކަމުގެ އިންޑަސްޓްރީ، އެހެން ހަރުފަތަކަށް ގެންދަން އެމަނިކުފާނުގެ ޓީމުން ނިންމަވާފައިޗާ ކަމަށެވެ.
“ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ޔަޤީންކަން ޤާއިމުވާވަރަށް، ފުޑް ސެކިއުރިޓީ، ރާއްޖޭގެ ރައްޔިތުންނަށާއި، އަދި އޭގެއިތުރަށް، އިޤްތިޞާދީ ނަޒަރަކުން ބަލާއިރުގައި، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ބޭނުމަށް އެތެރެކުރާ ކާބޯތަކެތިވެސް، ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތެއް، ރާއްޖޭގައި އުފެއްދޭ މިންވަރަށް ރާއްޖޭގެ އިޤްތިޞާދު، ޓޫރިޒަމް، އެގްރިކަލްޗަރ، ދަނޑުވެރިކަމުގެ އިންޑަސްޓްރީ ފުޅާކުރުން” ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތަކީ އެއީ ކަމަށެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާވަރަށް ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި ރާއްޖޭގައި އިތުރުކުރުމާއި، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި މިއޮތް ރިޒޯޓުތަކަށް ބޭނުންވާ އަދަދަށް، ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި ރާއްޖޭގައި އުފެއްދުމަކީ ދެ އަމާޒު ކަމަށާއި އެމާޒަށް ވާސިލް ވުމަށް ރާއްޖޭގައި ކާބޯތަކެތި އުފެއްދޭނީ، މި ދެ އަމާޒު ހާސިލުކުރުމަށް ވަރަށް މަސައްކަތް ކޮށްގެން ކަމަށެވެ.
އެއީ، ވަރަށް ފުޅާކޮށް އެ މަސައްކަތް ކޮށްގެން ވާނެ ކަމެއް ކަމަށާއި އޭގައި މުހިންމު ދައުރެއް ކެލާއިން އަދާކުރަން އެމަނިކުފާނު އެދިލައްވާ ކަމަށްވެސް ވިދާޅުވިއެވެ.
“އެހެންވީމާ، މި ރަށުގެ ދަނޑުވެރިންނަށް އޮތީ އިރާދަކުރެއްވިއްޔާ އުފާވެރިކަން. އަޅުގަނޑުމެން އެގްރިކަލްޗަރ މިނިސްޓްރީ މެދުވެރިކޮށް ތިޔަބޭފުޅުންނަށް ގިނަ ކަންތައްތަކެއް ފަހިކޮށްދިނުމުގެ މަސައްކަތް ހަމަޖައްސައިދޭނަން. މި ރަށުގެ ދަނޑުވެރިކަމަކީ، ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ފުޅާވާނެ ދަނޑުވެރިކަމެއް ކަމުގައި އަޅުގަނޑަށް ފެނޭ. ތިޔަބޭފުޅުންނަށް ހަމަ ވަރަށްބޮޑު ޔަޤީންކަމެއް ދިނުމުގެ ގޮތުން އެކަން ދަންނަވާލަން އަޅުގަނޑު ބޭނުން” ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މިހާރު އަތޮޅުތަަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ގައި ހއ،ހދ،ށ އަދި ނ އަތޮޅަށް ވަޑައިގަތުމަސް ވަނީ ހަމަޖެހިފައެވެ.






