ރައްޔިތުންނަސް ވީ ވަޢުދުތައް އަވަސް ސްޕީޑްގައި ގެންދެވޭނީ ރައްޔިތުން އެދޭ ސްޕީޑްގައި ކަންކަން ފަހިކޮށްޑެނެ މަޖިލީހެއް ހޮވިގެން ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުޢިއްޒު މިހެން ވިދާޅުވީ ހއ ބާރަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ސަރުކާރުގެ މަސައްކަތް ތަކާއި އަދި ރައްޔިތުންނަށްވީ ވަޢުދުތައް، ބާރު ސްޕީޑްގައި ގެންދެވޭނީ، ރައްޔިތުން ސަރުކާރާ އެކީގައި، ރައްޔިތުން އެދޭ ސްޕީޑްގައި ކަންކަން ފަހިކޮށްދޭނެ މަޖިލީހެއް ހޮވިގެންކަން ކަމަށެވެ. ރައީސް ވިދާޅުވީ އެހެން ވިދާޅުވަނީ މިދިޔަ ތިންމަހުގެ ތަޖުރިބާގެ އަލީގައި ކަމަށެވެ.
“އެއީ ވަރަށް މުހިންމު ކަމެއް. އެހެން ނޫނީވިއްޔާ، މިދިޔަ ތިންމަސް ތެރޭގައި، އެއްވެސް އަސާސެއްނެތި އަޅުގަނޑާ ކުރިމަތިކުރި، އަޅުގަނޑުމެންގެ ކެބިނެޓާ ކުރިމަތިކުރި އެތައް ކަންތައްތަކެއް އަދި އެއަށްވުރެ މާމަތީ ފެންވަރަކަށް ކުރިމަތިކުރާނެ ކަމަށް އިޙްސާސް ކުރެވެންވާނެ. އަޅުގަނޑުމެންނާ ފިކުރު ދިމާނުވާ ޓީމެއް އެތަނަށް ހޮވިއްޖިއްޔާ” ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތެދުވެ މިތިއްބެވީ ތަރައްޤީ ހާސިލުކުރުމަށްޓަކައި ކަމަށާއި، ރެޔާއިދުވާލު ކުރައްވަމުން ގެންދަވަނީ އެ މަސައްކަތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“ވަރަށްގިނަ ބިލުތައް ފާސްކުރަންޖެހޭ. މި އަންނަ އަހަރަށް ބަޖެޓް ހެދުމުގައިވެސް ހަމަ މި ހިތި ތަޖުރިބާ އަޅުގަނޑު ކުރާކަށް ބޭނުމެއްނޫން. ރައްޔިތުންނަށް ފައިދާވާގޮތަށް މި ހުރިހާ ކަމެއް ބައްޓަންކުރަން ބޭނުން” ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަ ފުޅުގައި ބާރު އެޅުއްވެވީ ސަރުކާރަށް ތާއީދު ކުރާ ކެންޑިޑޭޓުންނަށް، ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވޯޓު ދެއްވުމަށެެވެ.






