އިދިކޮޅު މައި ޕާޓީ ކަމަށްވާ އެމްޑީޕީގެ މަޖިލިސް ކެންޑިޑޭޓުންނާއި އެކު ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ދޮރުންދޮރަށް ހިންގަވަން ފައްޓަވައިފިއެވެ.
މި ކަން ފެއްޓެވުމުގެ ގޮތުން ރައީސް ޞާލިޙް ވަނީ އެމްޑީޕީގެ ޓިކެޓްގައި މާފަންނު އުތުރަށް ވާދަކުރައްވާ އިފްހާމް ހުސެއިން ނާއި އެކު އެދާއިރާގެ ގޭގޭއަށް ދޮރުން ދޮރަށް ހިންގަވައިފައެވެ.
މިހަރަކާތުގައި އިފްހާމް ވާދަކުރައްވާ ދާއިރާގެ ގޭގެއަށް އިފްހާމް އާއި އެކު ވަޑައިގެން ރައީސް ޞާލިޙް ވަނީ އެދާއީރާގެ ރައްޔިތިުންނާއި ބައްދަލުކުރައްވައިފައެވެ. އަދި އިފްހާމް އަށް ތާއީދު ހޯއްދެވުމަށް ކެމްޕޭނު ކޮށްދެއްވައިފައިވެއެވެ.

ރައްޔިތިުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައި ވަނީ މިއަންނަ މަހުގެ 17 ވަނަ ދުވަހެވެ. ނަމަވެސް ރައްޔިތުންގެ މަޖިލިހުން މިހާރު ވަނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިޚާބު ބާއްވަން ޖެހޭގޮތަށް ޤާނޫނު އިސްލާހުކޮށްފައެވެ. އިންތިހާބާއި ބެހޭ ޤާނޫނަށް މި ގެނައި އިސްލާހް ތަސްދީޤްކުރުމަށް ރައިސުލްޖުމުހޫރިއްޔާއަށް ފޮނުވުމުން މިހާރު ވަނީ އެބިލް އަނބުރާ މަޖިލިހަށް ފޮނުވާފައެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހަށް 93 މެމްބަރަކު އިންތިޚާބުކުރަން ހަމަޖެހިފައިވާއިރު އެމްޑީޕީ އިން 89 ދާއީރާއަކަށް ކެންޑިޑޭޓުން ވަނީ ނެރެފައެވެ.






