Close

މުޖްތަމަޢަށް އަމާން ކަން ލިބޭނީ ކޮންމެ ފަރުދަކު ރަނގަޅުމީހަކަށްވެގެން: ޚުތުބާ

މުޖްތަމަޢަށް އަމާން ކަން ލިބެނީ ކޮންމެ ފަރުދަކު ރަނގަޅު މީހަކަށް ވެގެން ކަމަށް މިއަދުގެ ހުކުުރު ޚުތުބާގައި ބުނެފިއެވެ.

“ވަޠަން ދެކެ ލޯބިވުން” މި މައުޟޫއަށް ކުރިއަށް ދިޔަ ޚުތުބާގައި ބުނެފައިވަނީ ވަޠަން ދެކެ ލޯބިވުމަކީ، އިންސާނީ ނަސްލުގެ ޠަބީޢަތުގައި ވާ ކަމެއް ކަމަށެވެ. އަދި އިސްލާމްދީނަކީ އިންސާނީ ފިޠުރަތާއި، އިންސާނިއްޔަތުގެ ދީން ކަމުގައި ވާތީ، އެ ދީން މިކަމާ ދެކޮޅެއް ނަހަދާ ކަމަށާއި ދީން ވެސް މިކަން ޤަބޫލު ކުރާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން މީހެއްގެ ދީނާއި ޢަޤީދާއަށްފަހު، އޭނާގެ ގާތުގައި އެންމެ އަގުބޮޑު އެއްޗަކީ އޭނާގެ ވަޠަން ކަމަށާއި،، ވަޠަންދެކެ ފަޚުރުވެރިނުވާ އިންސާނަކު ނުވާ ކަމަށްވެސް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.

“އިސްރާއީލުން ފަލަސްޠީނުގެ ޣައްޒާ ޙިޞާރުކޮށް ރޭގަނޑާއި ދުވާލު އެ ބިމަށް އޮއްސަމުންދާ ބޮންތަކާއި، ޞިހްޔޫނީ ސިފައިން ދެމުންގެންދާ ޙަމަލާތަކާއެކުވެސް ފަލަސްޠީނުގެ ރައްޔިތުން އެ ބިމުން ނުފައިބާ ސަބަބަކީ ބިމާއި ވަޠަންދެކެ ހުރި ކުލުނެއްގެ ބޮޑުކަން، މިއީ މިއަދު ފެންނަމުންދާ ވަޠަންދެކެ ލޯބިވުމުގެ ނަމޫނާ މިސާލެއް” ހުކުރު ޚުތުބަގައި ބުނެފައިވެއެވެ.

ވަޠަންދެކެ ލޯބިވާމީހާ ތިމާގެ ފުށުންވާ ގޯނާތަކާއި، ދުއްތުރާތަކުން ވަޠަނުގެ ކޮންމެ ރައްޔިތަކު ސަލާމަތްކޮށްދޭން ބޭނުންވާނެ ކަމަށާއި ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މުއުމިނުންނާއި މުސްލިމުންގެ ސިފަތައް ބަޔާންކޮށް ދެއްވަމުން ޙަދީޘް ކުރައްވާފައިވާ ކަމަށް ޚުތުބާގައި ބުނެފައިވަނީ (اَلْمُسْلِمُ مَنْ سَلِمَ النَّاسُ مِنْ لِسَانِهِ وَيَدِهِ، وَالْمُؤْمِنُ مَنْ أَمِنَهُ النَّاسُ عَلَى دِمَائِهِمْ وَأَمْوَالِـهِمْ) މާނައީ: ޙަޤީޤީ މުސްލިމަކީ، އޭނާގެ ދުލާއި އަތުގެ ނުބައިކަމުން މީސްތަކުންނަށް ސަލާމަތްކަން ލިބިފައިވާ މީހާއެވެ. އަދި ޙަޤީޤީ މުއުމިނަކީ މީސްތަކުންގެ ލެއާއި މުދާތައް އޭނާގެ ކިބައިން އަމާންވެފައި ވާ މީހާއެވެ.

“މުޖުތަމަޢަށް އަމާންކަން ލިބޭނީ، މުޖުތަމަޢުގެ ކޮންމެ ފަރުދަކު ރަނގަޅު މީހަކަށް ވެގެން، ކޮންމެ މީހެއްގެ ވަށައިގެން ދިރިއުޅޭ މީހުންނަށް، އަމާންކަމާއި ސަލާމަތްކަން ލިބިދޭ މީހަކަށް ވެގެން، ކޮންމެ މީހެއްގެ މޫނުމަތިން އަނެކާއަށް ހިނިތުންވުން ލިބިދެވިގެން، ކޮންމެ މީހަކު ވެސް މުޖްތަމަޢު އެއްބައިވަންތަ ކުރުމަށް އެދިގެން” މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ބިމަކީ، ބަރަކާތްތެރި ފަސްގަނޑެއް ކަމަށާއި މާތް ﷲ ވަނީ މި ފަސްގަނޑު ސައްތައިން ސައްތަ އިސްލާމީ ފަސްގަނޑެއް ކަމުގައި ލައްވައިފައި ވާކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މި ވަޠަން މި ޢަޤީދާއިން ބޭރަށް ލެވޭތޯ މަސައްކަތްކުރާ ޖަމާޢަތްތަކާއި، ޖަމްޢިއްޔާތައް ވަރަށް ގިނަ ކަމަށާއި، މި ފަދަ ނުބައި ރޭވުންތަކުން މި ވަޠަން ސަލާމަތް ކުރުމަށް ޓަކައި، އެންމެން އެކަތިގަނޑަކަށް ވާން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި މިކަމުގައި އަހަރެމެންގެ ބަސް އެއް ބަހަކަށް ހަދަން އެބަޖެހޭ ކަަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

“އަހަރެމެންގެ ފަރުދީ އުނިކަން ފޫބެއްދުމަށް ޓަކައި، އެކަކުއަނެކަކަށް އެހީތެރިވެ އަޅައިލާން އެބަޖެހޭ، ދޭދޭ ފަރުދުންގެ މެދުގައި ހުރި ޚިލާފުތަކާއި ދެބަސްވުންތައް އެއްފަރާތްކޮށް، ޖަމާޢަތުގެ މަޞްލަޙަތު އިސްކޮށް، ފަހިމަގުން ކަންކަން ހިންގަން އެބަޖެހޭ” ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ވަޠަނަށްޓަކައި ކޮންމެ މީހަކު އަދާކޮށްދޭން ޖެހޭ ވާޖިބުތަކުގެ ތެރޭގައި، ޤައުމު ބިނާ ކުރުމުގައި ބައިވެރިވެ، ކޮންމެ މީހަކު ވެސް އެމީހެއްގެ ޙިއްޞާ އަދާކުރުން ހިމެނޭ ކަމަށް ޙުތުބާގައި ބުނެފައިވެއެވެ. އަދި ޤައުމު ބިނާކުރުމުގައި ބައިވެރި ވުމަކީ، ﷲ އިންސާނާއާ ޙަވާލުކުރައްވާފައިވާ ދުނިޔެ އާރާސްތުކުރުމުގެ މަސައްކަތުގައި ބައިވެރިވުން ކްމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

ކޮންމެ މީހަކު ވެސް ޤައުމު ބިނާކުރުމަށް ޓަކައި ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ އޭނާގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށާއި ޤައުމު ބިނާކުރުމުގެ މަސައްކަތަކީ، މީހާގެ ޤާބިލުކަމާއި، ހުނަރުވެރިކަމާ ގުޅިފައިވާ ކަމެއް ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

“ޞާލިޙު އިންސާނުންތަކެއް ބިނާކުރުމާއި، ކޮންމެ މީހަކުވެސް ޤައުމަށް ފައިދާ ހުރި މަސައްކަތެއް ކުރުމަކީ ވެސް ޤައުމު ބިނާކުރުމުގެ ތެރޭގައި ގުނޭނެ ކަންކަން” ހުކުުރު ޚުތުބާގައި ބުނެފައިވެއެވެ.

ހަމަމިއާއި އެކު ތަޢުލީމު ޙާޞިލުކުރުމަށް ފަހު، ޤައުމަށް އޭގެ ފައިދާ ހޯދައިދިނުމާއި، ޤައުމުގައި ރިވެތި އަޚްލާޤާއި، އަބުރުވެރި ދިރިއުޅުމެއް ފެތުރުމާއި، ދޭދޭ ފަރުދުންގެ މެދުގައި ގުޅުންތައް ރަނގަޅުކޮށް، ބަދު އަޚްލާޤީ ޢަމަލުތަކުން ޤައުމު ޠާހިރު ކުރުމަށް މަސައްކަތް ކުރުން ވެސް ޤައުމު ބިނާކުރުމުގެ ތެރޭގައި ހިމެނޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top