މާލޭގައި ސާފުތާހިރުކަން ކުޑަ އެތައް ތަނެއްގައި ވިޔަފާރިއަށް ކާބޯތަކެތި ތައްޔާރުކުރަމުންދާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެ ސިޓީ ކައުންސިލާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގުޅިގެން ކުރިއަށް ގެންދިޔަ، މާލެ ސަރަހައްދުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަލާ ފާސްކުރުމުގެ ހަރަކާތާއި ގުޅިގެން ނެރުނު ބަޔާނެއްގައި އެކައުންސިލުން ބުނެފައިވަނީ މާލެ ސަރަހައްދުގައި ސާފުތާހިރު ކަން ކުޑަ އެތައް ތަނެއްގައި ކާބޯތަކެތި އުފައްދަމުންދާ ކަމަށެވެ.
މިދިޔަ މަހު 18 އިން މަރޗް 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދިޔަ މި ހަރަކާތުގައި މާލެ، ހުޅުމާލެ، ވިލިމާލެ، ހުޅުލެ، ތިލަފުށި، ގުޅީފަޅު އަދި ކްރޮސްރޯޑްގައި ހުރި ކާބޯތަކެތި ހަދާތަންތަން އިންސްޕެކްޓް ކުރެވިފައިވާ ކަމަށް ސިޓީ ކައުންސިލްގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އޭގެ ތެރެއިން ހުޅުމާލެ އިންސްޕެކްޓް ކުރެވިފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އާއި އެޗްޕީއޭ ގުޅިގެން ކަމަށާއި ވިލިމާލޭގައި ހުރި އައުޓްލެޓްސްތަށް މަދުވުމުން ވިލިމާލެ އިންސްޕެކްޓް ކޮށްފައިވަނީ އެޗްޕީއޭގެ މުއައްޒަފުން އަމިއްލަ އަށް ކަމަށް ވެސް އެބަޔާނުގައި ވެއެވެ.
މާލެ 8 ޒޯނަކަށް ބަހާލައިގެން ކުރިއަށް ދިޔަ މި އިންސްޕެކްޝަންގައި މި ޒޯނުތަކުގައި 8 ޓީމެއް އެކްޓިވްކޮށް ހަރަކާތްތެރިވެ މުޅިމާލޭގައި ހުރި ކާބޯތަކެތި ހަދާތަންތަން ބަލާފާސްކޮށްފައިވާއިރު، މާލޭގައި ހުރި ކާބޯތަކެތި ހަދާ ތަންތަނުގެ ތެރެއިން ސާފުތާހިރުކަން ކުޑަ ތަންތަން ގިނަ އަދަދަކަށް ފާހަގަކުރެވިފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މީގެ އިތުރުންވެސް މި އިންސްޕެކްޝަން ގެ ތެރެއިން، ބިދޭސީން ހުއްދަނުނަގާ ގަވާއިދާއި ޚިލާފަށް ހިންގާ ތަންތަންވެސް ފާހަގަކުރެވިފައިވާ ކަމަށާއި، މިފަދަ ތަންތަނުގެ މައުލޫމާތު ނަގާ، އެތަންތަނާމެދު ފިޔަވަޅު އެޅުމަށް އެޗްޕީއޭ އިން ނިންމާފައިވާކަމަށް ވެސް މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ވެއެވެ.
މިއީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ސާފުތާހިރު ކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށް ބާރުއަޅައި، ރައްކާތެރި ގޮތުގައި ޚިދުމަތް ދިނުމަށް ބާރުވެރިކޮށް އަހުލުވެރި ކުރުމުގެ މަގްސަދުގައި، މިއަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން އެޗްޕީއޭ އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.






