ބ ދަރަވަންދޫ އެއަރޕޯޓް ރަނގަޅު ގޮުތުގައި ނުހިންގޭތީ އެކަމުގެ ކަންބޮޑުވުން ދަރަވަންދޫ ކައުންސިލުން ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ އަރިހުގައި ފާޅުކޮށްފިއެވެ.
ބ.އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބ.ދަރަވަންދުއަށް ވަޑައިިގެން އެރަށުގެ ކައުންސިލް މެމްބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާއި އެކު ރައީސް މުޢިއްޒު ބޭއްވެވި ބައްދަލުވުމުގައި އެކައުންސިލުން ވަނީ ދަރަވަންދޫގެ ތަރައްޤީއަށް މިވަގުތު ބޭނުންވާ ކަންކަމާއި އެރަށުގެ ތަރައްޤީގެ ކަންކަމަށް ހުރި ކަންބޮޑުވުންތައް ވަނީ ހިއްސާކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ދަރަވަންދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ދަރަވަންދޫ އެއަރޕޯޓް އެކަށީގެންވާގޮތެއްގައި ތަރައްޤީ ނުކުރެވޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރިއެވެ.
މީގެ އިތުރުން ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދުމަށް ފުލެޓް އެޅުން އެދޭކަމަށާއި ކްލާސްރޫމްތަކާއި މަލްޓިޕާރޕަސް ހޯލުގެ މަސައްކަތް އަވަސްކުރަން ބޭނުންވާކަމަށާއި ރަށަށް ކަރަންޓްދިނުމާއި ޞިއްޙީ މަރުކަޒުގެ ޚިދުމަތާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިމެނެއެވެ.
މީގެ އިތުރުން ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމާއި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއްގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
ރައީސް ޑރ މުޢިއްޒު ވަނީ ކައުންސިލުން ފާހަގަކުރެއްވި މިކަންކަން ފުރިހަމަކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.






