ކުރިއަށް އޮތް ރަމަޟާން މަހު ފިހާރަތަކާއި ކެއިންބުއިމުގެ ޚިދްމަތްދޭ ތަންތަން ހުޅުވިފައި ބެހެއްޓޭނެ ވަގުތުތައް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ކަނޑައަޅައި އިޢްލާނު ކުރައްވައިފިއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފައިވަނީ މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހާއި ހަމައަށް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން މެންދަމު 1:00 އަށްކަމަށެވެ.
އަދި ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ރޯދަމަހު ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން މެންދަމު 3:00 އަށްކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
އެ ވުޒާރާއިން ބުނެފައިވަނީ ރޯދައަށްފަހު ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 4:30 އިން މެންދަމު 3:00 އަށްކަމަށެވެ.
އެހެންކަމާއިއެކު، މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނާއި މުދާ ވިއްކާ ތަންތަނުން މިކަމަށް ސަމާލުކަން ދެއްވައިގެން ޚިދުމަތް ދިނުމަށް ވުޒާރާއިން އިލްތިމާސްކޮށްފައިވެއެވެ.






