ކުރިއަށް އޮތް ރަމަޟާން މަހު ސްކޫލްތަކުގެ ކިޔެވުން ކުރިއަށްދާނެ ގަޑިތައް ކަނޑައަޅައިފިއެވެ.
އެގޮތުން ރަމަޟާން މަހު ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން މެންދުރުފަހު 15:00 އާއި ދެމެދު ކަމަށް ތައުލީމާއި ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
ތައުލީމާއި ބެހޭ ވުޒާރާއިން އިއްޔެ ސްކޫލްތަކަށް ފޮނުވައިފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ސްކޫލްތަކުގެ ކިޔެވުން ފަށަން ޖެހޭނީ ހެނދުނު 8:30 އާއި 9:00 އަކާއި ދެމެދުކަމަށާއި، މެންދުރު 15:00 ކުރިން ކިޔެވުން ނިންމަން ޖެހޭނެ ކަމަށެވެ. ގަޑި ކަނޑައަޅާއިރު، ބެލެނިވެރިންނަށް ދަތިނުވާނޭހެން ސްކޫލް ފަށާ ގަޑި ހަމަޖެއްސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ ވުޒާރާއިން ވަނީ ހުރިހާ ސްކޫލްތަކަށް އިލްތިމާސްކޮށްފައެވެ.
ދަންފަޅިތަކުގެ ދިގުމިން ބަލާ އިރު އެލްކޭޖީ އަދި ޔޫކޭޖީ ދަރިވަރުންނަށް ކިޔަވައިދޭނީ 1 ގަޑިއިރާ 30 މިނެޓަށެވެ. ގްރޭޑް 1-6 އަށް 2 ގަޑިއިރާ 30 މިނެޓަށް ކިޔަވައިދޭއިރު، ގްރޭޑް 7-12 އަށް 3 ގަޑިއިރު ކިޔަވައިދޭން ވާނެ ކަމަށް ވެސް މި ސާކިއުލާގައި ވަނީ ބުނެފައެވެ.
ރަމަޟާން މަހު ކިޔަވައިދޭ ވަގުތު މަދުކަން ފާހަގަކޮށް އެ ވުޒާރާއިން ބުނީ އެކި މާއްދާތައް ކިޔަވައިދިނުމަށް ލިބޭ ޖުމްލަ ވަގުތަށް ބަލައި، ގަޑިއެއްގެ ދިގުމިން ވާން ޖެހޭނީ 30 މިނެޓާއި 45 މިނެޓާ ދެމެދު ކަމަށާއި ރޯދަ މަހުގެ ދެ ހަފްތާ ތެރޭ ހުރިހާ މާއްދާއެއް ކިޔަވައިދޭ ގޮތަށް ހަމަޖައްސަން ޖެހޭނެ ކަމަށެވެ.
ކިޔަވައިދޭ ދަންފަޅިތައް ރާވާއިރު, ޓީޗަރުންގެ މަސައްކަތުގެ ގަޑި ޖުމްލަ ހަތަރު ގަޑިއިރަށްވުރެ ދިގުނުވާނެ ގޮތް ހެދުމަށާއި ހަވީރު 4:00 އިން ރޭގަނޑު 9:00 އަކާ ދެމެދު ސްކޫލްގެ އެއްވެސް ހަރަކާތެއް ނުރޭވުމަށްވެސް ސާކިއުލާގައި ވެއެވެ. ސެކަންޑަރީ އާއި ހައި ސްކޫލްގެ ދަރިވަރުންނަށް ހިންގާ ޕްރޮގްރާމްތައް ރޭގަނޑު 9:00 އަކުން 10:30 އާއި ދެމެދު ރޭވުމަށް ސްކޫލް ތަކަށް ވަނީ އަންގާފައެވެ.
މީގެ އިތުރުންވެސް، މެންދުރުފަހުގެ ދަންފަޅި ވީހާ ވެސް އަވަހަކަށް ނިންމައި ޓީޗަރުންނާއި ދަރިވަރުން ގެއަށް ދެވޭނެ ގޮތް ހެދުމަށްވެސް ތައުލީމާއި ބެހޭ ވުޒާރާއިން ސްކޫލްތަކަށް ފޮނުވި ސާކިއުލާގައި ވެއެވެ.
މި އަހަރުގެ ރަަމަޟާން މަހުގެ ފަހު ދިހަޔަކީ ބަންދު ދުވަސްތަކެއް ކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.






